ސިންގަޕޫރުގައި ބަޔަކު އީމެއިލް މެދުވެރިކޮށް ހިންގި ސްކޭމަކު ހޯދި 40 މިލިޔަން ޑޮލަރު އެ ޤައުމުން ބޭރުކޮށްފައިވަނިކޮށް އެ ފައިސާތައް ހޯދައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން، ސިންގަޕޫރު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނެފައިވަނީ މި މަހުގެ 19ގައި ސިންގަޕޫރުގެ ކޮމޯޑިޓީ ފާމަކަށް ފޭކު އީމެއިލް އަކުން މެއިލްކޮށްގެން ހިންގި ސްކޭމެއްގައި 42.3 މިލިޔަން ޑޮލަރު ބަޔަކު މަކަރާއި ހީލަތުން ހޯދާފައިވާކަމުގެ ރިޕޯޓު ލިބުމުން ހޯދި ހޯދުމުން އެ ފައިސާ ދެކުނު އޭސިއާގެ ކުޑަ ޤައުމެއް ކަމުގައިވާ ޓިމޯރ-ލެސްޓޭގެ އެކައުންޓް ތަކަކަށް ޖަމާކޮށްފައިވާކަން ދެނެގަނެވުމުން އެ ގައުމާއި އަދި އިންޓަޕޯލްގެ އެހީތެރިކަމާއެކު އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން އެ ހުރިހާ ފައިސާއެއް އަނބުރާ ހޯދިފައިވާކަމަށެވެ.
ސިންގަޕޫރު ފުލުހުން ބުނެފައިވާގޮތުގައި ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ސީދާ އެ ގައުމުގެ އެތެރެއިން ދެ މިލިޔަން ޑޮލަރު ހޯދުނު ކަމަށެވެ. އަދި ބާކީ 40 މިލިޔަން ޑޮލަރު ޓިމޯރ-ލެސްޓޭގެ އެކައުންޓްތަކަކަށް ޖަމާކޮށްފައިވާކަން ދެނެގަނެވުނު ކަމަށެވެ.
އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެ އެކައުންޓްތައް ފްރީޒް ކުރެވި އެ ފައިސާ ހޯދި، އެ ފައިސާ މިހާރު އަނބުރާ ސިންގަޕޫރަށް ގެނެވި ކޮމޯޑިޓީ ފާމަށް އަނބުރާ ރައްދުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސިންގަޕޫރު ޕޮލިހުން ބުނެފައިވެއެވެ.
ސިންގަޕޫރު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ އެ ފައިސާ އަނބުރާ ހޯދުނީ އެ ސެންޓަރުން އަވަސް ފިޔަވަޅުތަކެއް އަޅައި އަދި އެންޓިޕޯލާއި ޓިމޯރ ލެސްޓޭގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން އަވަހަށް ހޯދުމުން ކަމަށާއި ގުޅިލާމެހިފައިވާ ދުނިޔެއެއްގައި އަދި ފިތާލާ އެންމެ ފިތަކުން ބޮޑު އަދަދެއްގެ ފައިސާ ދުނިޔޭގެ އެއް އެއް ބިތުން އަނެއް ބިތަށް ފޮނުވާލެވޭ ދަނޑިވަޅެއްގައި ފުލުހުންނާއި ކަމާބެހޭ އިދާރާތައްވެސް އެހާ ހުޝިޔާރުވެގެން ނޫނީ އެފަދަ އޮޕަރޭޝަނެއް ކާމިޔާބުނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް