މާލޭ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯވެސް ހައިރާންވާ މިންވަރަށް މާލެއާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ކަރަންޓުބިލު ބޮޑުވެފައިވާތީ ދިރާސާއެއް ހެދުމަށް ނިކުންނަން ސްޓެލްކޯއިން ނިންމައިފިއެވެ.
އެގޮތުން ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެހެން މަސްތަކާއި އަޅާބަލާއިރު މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލުތައް 94 އިންސައްތަ ކުޑަކަމަށާއި އަދި ހުޅުމާލޭގެ ބިލުތައް 85 އިންސައްތަ ކުޑަ ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާ ލިބޭ މިންވަރުވެސް މި މަހުގައި މަދު ކަމަށެވެ.
އެހެންނަމަވެސް މާލޭގައި ހަ އިންސައްތަ އަދި ހުޅުމާލޭގައި 15 އިންސައްތަ ގޭބިސީއެއްގެ ކަރަންޓު ބިލު ސްޓެލްކޯވެސް ހައިރާންވާހާ މިންވަރަށް ބޮޑުކަން ފާހަގަކުރެވޭތީ އެ ގެތަކަށް ޓީމެއް ފޮނުވައިގެން އެ ގޭގޭގައި ބޭނުންކުރާ އާލާތްތަކާއި އިންސުލޭޝަން ހުރިގޮތާއި އަދި އެހެނިހެން ކަންކަންވެސް ބެލުމަށް ނިންމާފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވީ އެހެން ކަން ކުރުމުން ރައްޔިތުންނަށްވެސް ޖަވާބު ލިބި އަދި ކަރަންޓު އިގްތިސާދު ކުރުމަށް އެ ގޭބިސީތަކުގައި އުޅޭ ފަރާތްތަކަށްވެސް މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް