ކަނޑުފަޅު ނަފާ ޕްރޮގްރާމުގައި ލޯނު ދޫކުރާގޮތް ބަދަލުކޮށްފި

މަސްދޯނިފަހަރުގެވަތުގައި ފެންފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް "ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމް"ގެ ދަށުން ލޯނަށް އެދޭ އުޅަނދުފަހަރުގައި އާރް.އެސް.ޑަބްލިއު ސިސްޓަމް ސަޕްލައ...

03 Aug 2023 | 14:33

މަސްދޯނިފަހަރުގެވަތުގައި ފެންފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް "ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމް"ގެ ދަށުން ލޯނަށް އެދޭ އުޅަނދުފަހަރުގައި އާރް.އެސް.ޑަބްލިއު ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދޭ ކުންފުންޏަށް ލޯނު ފައިސާ ދޫކުރާގޮތަށް އޮތްއޮތުން ބަދަލުކޮށް ސީދާ މަސްވެރި އުޅަނދުފަހަރުގެ ވެރިފަރާތުގެ އެކައުންޓަށް ލޯނު ފައިސާ ޖަމާ ކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތުން، އާރް.އެސް.ޑަބްލިއު ސިސްޓަމް އުޅަނދުގެ ވެރިފަރާތުން އަމިއްލައަށް ގެނެސް އުޅަނދުގައި ހަރުކުރުމަށް އެދެމުންދާ ފަރާތްތަކަށް މިޕްރޮގްރާމްގެ ދަށުން ފައިސާ ހަމަޖެއްސުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާފިކަމަށް މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ބުނެފައިވެއެވެ.

މި ޕްރޮގްރާމަކީ، މިނިސްޓްރީން ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅނދުފަހަރަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ގިނަ އަދަދަކީ، 500،000 ރުފިޔާއެވެ. އަދި މި ފައިސާ އާރު.އެސް.ޑަބްލިއު ސިސްޓަމް ގަނެ ސަޕްލައި ކުރުމަށާއި އުޅަނދުގައި ހަރުކުރުމަށް ހިނގާ އެންމެހާ ޚަރަދުތަކަށް ބޭނުންކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިއީ ހަ އިންސައްތަ އިންޓަރރެސްޓާއެކު، ހަ އަހަރު ދުވަހު ތެރޭގައި އަނބުރާ ދައްކާގޮތަށް އެއްވެސް ރަހުނަކާ ކުލައި ދޫކުރާ ލޯނެކެވެ.

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ޤާއިމް ކުރުމަށް ލޯނު ދޫކުރުމުގެ ބޭނުމަކީ، މަސްވެރިކަމުގެ ފަހި މޫސުމުގައި މަސްވެރި އުޅަނދުފަހަރަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ކަމަށް ފިޝަރީސް މިނިސްޓްރީ އިން ބުނެއެވެ.

އަދި އައިސް ހޯދުމަށް ކުރަންޖެހޭ ޙަރަދު ކުޑަކުރުމާއި މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ މަޤުތު ބެހެއްޓޭނެ ވަޞީލަތްތައް އުޅަނދުގައި، ޤާއިމްކޮށްދީ، މިގޮތުން ކަނޑުމަތީގައި މަސްވެރިކަމުގައި ގިނަ ވަޤުތު ހޭދަކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މިޕްރޮގަރާމަކީ ފިޝަރީސް މިނިސްޓްރީ އިން އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެޕް.ސީ) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގެ ދަށުން އުޅަނދުފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ޤާއިމް ކުރުމަށް ލޯނު ދިނުމަށް ހުޅުވާލީ މިދިޔަ އަހަރު ނުވެމްބަރު 20 ގައެވެ.

ލޯނަށް އެދޭ އުޅަނދުފަހަރުގެ ވެރިފަރާތުން ލޯނަށް އެދޭ އެޕްލިކޭޝަނާއެކު ކޯޓޭޝަން އެސް.ޑީ.އެފް.ސީ އަށް ހުށަހެޅުމުން ލޯނު ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް