ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަގާމަށް ވާސަ ކުރައްވާ ދެ ކެނޑިޑޭޓުންވެސް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އެ މަގާމަށް ވާދަ ކުރައްވަނީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި މުއިއްޒު ޕީއެންސީއަށް ސޮއިކުރެއްވީ މިއަދުއެވެ.
ޕީއެންސީގެ ސެނެޓު ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ނަމަވެސް އެނޫން ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް، ޓިކެޓް ކާމިޔާބު ކުރައްވާ ކެނޑިޑޭޓާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޕީއެންސީން ކެނޑިޑޭޓަކު ނެރުނީ އިތުރު ގޮތެއް ނެތިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނުގެ ވިސްނުންފުޅާ އެއްގޮތަށް ޔާމީނުގެ ހުރިހާ ކަމެއްގައި މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން އަހިސްފައިވާ ކަމަށެވެ.
ސަރުކާރުގެ ކެބިނެޓް މިނިސްޓަރަކަށް ހުންނެވި އިރުވެސް އަދި މިހާރު މާލެ ސިޓީގައިވެސް މަސައްކަތް ކުރަމުން ދަނީ ޔާމީނުގެ ފިކުރުގައި އެ ފިކުރު ދިރުވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑު ރައީސް ޔާމިނުގެ ހައްގުގަ، ރައީސް ޔާމީނު މިނިވަން ކުރުމަށްޓަކާ ޕީޕިއެމް/ ޕީއެންސީން މި ކުރާ މަސައްކަތުގަ ހަމަ ފެށުނީއްސުރެ ހުރިގޮތަށް ސާބިތުވެ ހުންނާނަން” މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ސުޕްރިމް ކޯޓުން ޔާމީނަށް ކާމިޔާބު ނުވެއްޖެނަމަ، ޔާމީނުގެ އިރުޝާދާ އެއްގޮތަށް ހުންނެވި ‘ބެކަޕް ކެނޑިޑޭޓް’ ގެ ގޮތުގައި އިންތިހާބަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް