ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރައްވާނެ ކަމަށާއި ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިއަދުއެވެ. އަދި މުއިއްޒު ޕީއެންސީއަސް ސޮއިކުރެއްވީވެސް މިއަދުއެވެ.
ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނުގެ ވިސްނުންފުޅާ އެއްގޮތަށް ޔާމީނުގެ ހުރިހާ ކަމެއްގައި މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން އަހިސްފައިވާ ކަމަށެވެ.
ސަރުކާރުގެ ކެބިނެޓް މިނިސްޓަރަކަށް ހުންނެވި އިރުވެސް އަދި މިހާރު މާލެ ސިޓީގައިވެސް މަސައްކަތް ކުރަމުން ދަނީ ޔާމީނުގެ ފިކުރުގައި އެ ފިކުރު ދިރުވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ރައީސް ޔާމިނުގެ ހައްގުގަ، ރައީސް ޔާމީނު މިނިވަން ކުރުމަށްޓަކާ ޕީޕިއެމް/ ޕީއެންސީން މި ކުރާ މަސައްކަތުގަ ހަމަ ފެށުނީއްސުރެ ހުރިގޮތަށް ސާބިތުވެ ހުންނާނަން" މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ސުޕްރިމް ކޯޓުން ޔާމީނަށް ކާމިޔާބު ނުވެއްޖެނަމަ، ޔާމީނުގެ އިރުޝާދާ އެއްގޮތަށް ހުންނެވި 'ބެކަޕް ކެނޑިޑޭޓް' ގެ ގޮތުގައި އިންތިހާބަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް