އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓުން މާދަމާއަށް ތާވަލު ކޮށްފިއެވެ.
މި މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާނީ މާދަމާ މެންދުރުފަހު3 ޖަހާއިރުއެވެ.
ޕީޕިއެމްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ޕީޕީއެމްއިން ބުނީ، ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.
“އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ވާހަކަ ދެންނެވިން” އިއްޔެ ޕީޕީއެމްއިން ބުންޏެވެ.
އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ޕީޕީއެމްއިން ބުންޏެވެ.
ފޯމު ބަލާ ޗެކްކުރުމަށްފަހު އީސީއިން ވަނީ ކެނޑިޑެންސީ ގަބޫލު ނުކުރާ ކަމުގެ ލިޔުން ޕީޕީއެމްއަށް ފޮނުވާފައެވެ.
އެ ލިޔުމުގައި ވާގޮތުން، ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައި ވާ ގޮތުގެ މަތިން، ޖިނާއީ ކުށެއް ސާބިތުގެ 12 މަސް ދުވަހަށްވުރެ އިތުރު ވާނަމަ އިންތިހާބަށް ކުރިމަތިލެވޭ ޝަރުތެއް އުނިވާނެއެވެ. ޖިނާއީ ކުށެއް ސާބިތުވެ ޔާމީނު ވަނީ11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައެވެ. އެހެންކަމުން އިންތިހާބަށް ޔާމީނުގެ ޝަރުތު ހަމަ ނުވަނީއެވެ.
އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން ވަނީ ރަނިންމޭޓަކުވެސް ކަނޑައަޅާފައެވެ. އަދި ޕީޕީއެމްގެ ކޯލިޝަން ޕާޓީ ޕީއެންސީއިން ކެނޑިޑޭޓަކު ނެރުމަށްވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް