ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ފާސްކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ފާސްކޮށްފިއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމާއިމެދު އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރުންގެ ތެރެއިން 44 މެން...

03 Aug 2023 | 05:42

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ފާސްކޮށްފިއެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމާއިމެދު އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވީ ފެންނަ ކަމަށެވެ. ތަނަވަސް އަގުލަބިއްޔަތަކުން އެކަން ވަނީ ފާސްވެގެން ގޮސްފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީއެންސީން ވަކި ކެނޑިޑޭޓަކު ނެރެން މަޝްވަރާ ކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ނަމަވެސް ޔާމީނު މިވަގުތު ހުންނެވީ ޖަލު ހުކުމެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީއެންސީއިން ވަކި ކެނޑިޑޭޓަކު ނެރެން މަޝްވަރާ ފެށީ، އެ ކޯލިޝަންގެ ލީޑަރ ރައީސް ޔާމީނުގެ އެންގެވުމާއެކުގައެވެ.

އެހެންކަމުން ޕީޕީއެމްގެ ކެނޑިޑެންސީ ފޯމާއެކު ޕީއެންސީއިން އިންތިހާބުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓަކާއި ރަނިންމޭޓެއްގެ ފޯމު ހުށަހަޅަން އެ ޕާޓީން ދަނީ މަޝްވަރާ ކުރަމުންނެވެ.

އޭރުން ޔާމީނަށް ވާދަ ނުކުރެވިއްޖެނަމަވެސް ޕީއެންސީގެ ފަރާތުން އެ ކޯލިޝަނުން އިންތިހާބުގައި ވާދަ ކުރެވޭނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ގިނަ ޕާޓީތަކަކާއި އަމިއްލަ ފަރާތްތަކުންވެސް ދަނީ އިއުލާނު ކުރަމުންނެވެ. އަދި އެ ޕާޓީތަކުގެ ކެނޑިޑޭޓުން ދަނީ ކަނޑައަޅަމުންނެވެ. ނަމަވެސް މިހާތަނަށް ރަނިންމޭޓަކު ކަނޑައަޅާފައި ވަނީ ޕީޕީއެމްގެ ފަރާތުން އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް