އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓެއް މިއަދު ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭން ދަތުރު ތަކުގައި ފެނިގެން ދަނީ އުފާވެރި އަމާން ރާއްޖެއަކަށް ރައްޔިތުންގެ ބައިވެރިވުން ހިމެނޭކަން ކަމަށެވެ.
ހއ. އަތޮޅާއި ށ. އަތޮޅުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަން ކަށަވަރު ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ނިންމައިގެން މިހުރީ މިރޭ ނޫނީ މާދަމާ ފައިނަލް ޑިސިޝަނެއް ނަގަން" ރަނިންމޭޓެއް ކަނޑައެޅުމާ މެދު އިއްޔެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑެންސީ ފޯމު މިއަދު ނޫނީ މާދަމާ އީސީއަށް ހުށަހަޅާނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސްގެ ކެމްޕޭން ފަށައިގެން ކުރިއަށްދާއިރު، އަދި ރަނިންމޭޓެއް ކަނޑަނާޅުއްވާ ކަމަށާއި އެއީ “އުނދަގޫކަމެއް” ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
“އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ.” ރައީސް ވިދާޅުވިއެވެ.
އަދި ކޯލިޝަނުގެ ތެރެއިން ރަނިންމޭޓެއް ނެރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހާ އެކުގައި ނިކުންނަވާނެ ރަނިންމޭޓަކު އަދި ކަނޑައަޅާފައި ނުވާއިރު, ގާތް ބައެއް ބޭފުޅުން ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް