ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން ތިން ލައްކައަށްވުރެ ގިނަ ޑޮލަރު ހަދިޔާ ކޮށްފި އެވެ.
މި ފައިސާ ދިނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށެވެ. މި އެހީ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫއެސްއޭއައިޑީ ސްރީލަންކާ އެންޑް މޯލްޑިވްސްގެ މިޝަން ޑައިރެކްޓަރ ގެބްރިއެލް ގްރައު އާއި އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޔޫއެސްއެއިޑުން ދޭ އެހީ ދިނުމަށް ނިންމާފައިވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަން މެދުވެރިކޮށެވެ.
މީގެ ކުރިން ޔޫއެސްއެއިޑުން ރާއްޖެއަށް އެހީ ދީފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ ގާބިލްކަން އިތުރުކުރުމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އީޖާދީ ގޮތްތައް ހޯދުމަށް އެހީ ދީފައިވެ އެވެ.
ޔޫއެސްއެއިޑުން ގެންދަނީ 2001 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފައިސާގެ ގޮތުގައި މިހާތަނަށް އެ ޖަމިއްޔާ އިން 20 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ދީފައިވެ އެވެ.
ޔޫއެސްއެއިޑް އަކީ ދުނިޔޭގެ ގައުމުތަކުގައި ކުރިއަށް ގެންދާ ތަރައްގީގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ މިފަދަ އެންމެ ބޮޑު އެއް އެޖެންސީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް