ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުމްބާއީއަށް ވަޑައިގެން ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވެވި މި ޒިޔާރަތުގައި އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންނާއި، ވިޔަފާރިވެރިންގެ ވަފުދުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުން ވަނީ އެކިއެކި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްކުރުމާ ގުޅޭގޮތުން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓާއެކު ޚިޔާލު ބަދަލުކުރައްވައި، މަޝްވަރާ ކުރައްވާފައެވެ.
މި މަޝްވަރާތަކުގައި ސްޓޮކް މާކެޓު ތަރައްޤީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދު ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ދެންނެވީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަން ޝްރީ އެސް. އެސް. މުންޑްރާއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ނެޓްވަރކް އޮޕަރޭޝަން ސެންޓަރާއި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ އެކިއެކި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ. އަދި ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލު ރަމްޒީކޮށް ޖެހުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލައްވައި، ރަނގަބީލު ޖައްސަވާފައެވެ.
ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލަކީ ހުރިހާ ޤައުމެއްގައި ވެސް ސެކިއުރިޓީސްގެ މުއާމަލާތްތަކަށް ދުވަސް ހުޅުވާލުމާއި ދުވަހުގެ މުއާމަލާތްތައް ނިންމުމުގެ ގޮތުން ޖަހާ ރަނގަބީލެކެވެ.
އޭޝިއާ ބައްރުގައި އެންމެ ފުރަތަމަ ހުޅުވުނު ސްޓޮކް އެކްސްޗޭންޖު ކަމަށްވާ، ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި މިހާރު ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ އަދަދު 5،000 އަށް އަރައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް