މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ގައި200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ދިވެހި ފެތުންތެރިން އިތުރު ރެކޯޑެއް އައުކޮށްފިއެވެ.
ފިރިހެނުންގެ (ލޯންގކޯސް) 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައު ކުރީ މުބާލް ޢައްޒާމް އިބްރާޙީމްއެވެ. އޭނާ މި ރެކޯޑު އައު ކުރީ 9.18 ސިކުންތުގެ ކުރިއެރުމަކާއެކުގައެވެ. އެއީ 02.23.69 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ ވެސް މުބާލް އެވެ. 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި އޭނާ މި ރެކޯޑު އައު ކުރީ 02.32.87 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މިމުބާރާތުގައި ދިވެހި ފެތުންތެރިން މިހައިތަނަށް ވަނީ ހަތް ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ.
އޭގެ ތެރޭގައި ލޯންގކޯސް މިކްސްޑް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގައި 04.14.91 އިން އިވެންޓް ފުރިހަމަކޮށްގެން ދިވެހި ޓީމުގައި ހިމެނޭ މުޙައްމަދު އާން ޙުސައިން، އައިޝަތު ސައުސަން، ހަމްނާ އަޙްމަދު އަދި މުބާލް އައްޒާމް އިބްރާޙީމް ވަނީ ޤައުމީ ރެކޯރޑް އައުކޮށްފައެވެ.
މީގެ އިތުރުން ފިރިހެނުންގެ (ލޯންގކޯސް) 50 މީޓަރ ފްރީސްޓައިލް، 100 މީޓަރ ފްރީސްޓައިލް އަދި 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓް 00.24.82 އިން، 100 މީޓަރ ފްރީސްޓައިލް އިވެންޓް 00.55.59 އިން އަދި 100 މީޓަރ ބަޓަރފްލައި އިވެންޓް 01.03.35 އިން ފުރިހަމަކޮށްގެންނެވެ.
އަންހެނުންގެ (ލޯންގކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އައު ކުރީވެސް މިހާރުކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައެވެ. ޙަމްނާ މި ރެކޯރޑް އައުކޮށްފައިވަނީ 00.34.51 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. އަދި ފިރިހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯޑު މުޙައްމަދު ރިޙާން ޝިހާމް އައު ކުރީ 01.05.12 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް