ފެށޭ ހަފްތާ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން ފެށޭއިރު، ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑު ނިކުންނާނީ ބްރައިޓަން އާއި ދެކޮޅަށެވެ. ބްރައިޓަން އާއި ދެކޮޅަށް ޔުނައިޓެޑު ލީގުގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗު ފަށާނީ ބެންޗުން ކަމަށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހަގް އާއި ހަވާލަދީ އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އިނގިރޭސި ނޫހެއް ކަމުގައިވާ ދި ސަން ނޫހުން ރިޕޯޓު ކުރާގޮތުގައި އަންނަ ހަފްތާ އާދިއްތަ ދުވަހު ބްރައިޓަން އާއި ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗުގައި ކޯޗު ޓެން ހާގް ބޭނުން ކުރާނީ ޕްރިސީޒަން ޓުއާ މެޗުތަކުގައި ބޭނުން ކުރި ފުރަތަމަ އެގާރަ ކުޅުންތެރިން ނެވެ. އެގޮތުން ފުރަތަމަ ސްޓާޓިން ގައި ރޮނާލްޑޯގެ ބަދަލުގައި ސެންޓަރ ފޯވާޑެއްގެ ގޮތުގައި ބޭނުން ކުރާނީ ޕްރިސީޒަން މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި އެންތަނީ މާޝިއަލްއެވެ. މާޝިއަލް އާއި އެކު ދެން ކުރީގައި ހަރަކާތްތެރިވާނީ ޖޯޑަން ސަންޗޯ އަދި މާކަސް ރަޝްފޯޑެވެ.
ރިޕޯޓުތައް ބުނާގޮތުން ކޯޗު ޓެން ހާގު ރޮނާލްޑޯއަށް ފުރަތަމަ އެގާރައިން ޖާގަ ނުދިނުމަށް ނިންމާފައިވަނީ ޕްރިސީޒަން ޓުއާގައި ރޮނާލްޑޯ ބައިވެރިވެފައި ނުވުމުންނެވެ. އަމިއްލަ ސަބަބުތަކަކާއި ހެދި ޕްރިސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑާއި އޮސްޓްރޭލިއާއަށް ޔުނައިޓެޑު ކުރި ދަތުރުގައި ރޮނާލްޑޯ ބައިވެރި ވެފައި ނުވާއިރު، ކޯޗު ޓެން ހާގު ބުނީ ރޮނާލްޑޯ މިވަގުތު ހުރީ ކުލަބުގެ އެހެން ކުޅުންތެރިންނާއި އެއް ލެވެލްއެއްގައި ނޫން ކަމަށާއި އެހެންކަމުން ކުލަބުގެ އެހެން ކުޅުންތެރިންނާއި އެއް ލެވެލްއަކަށް އައުމަށް ރޮނާލްޑޯއަށް ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރަން ޖެހޭކަށެވެ.
ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ފަހުން، ޔުނައިޓެޑުގެ އެއްވެސް ފަތިތަކުރުމެއްގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޔުނައިޓެޑުން އޭރު ބުނީ، ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވަނީ އަމިއްލަ އާއިލީ ސަބަބަކާ ހެދި ކަމަށެވެ.
ކުލަބު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވާ ސަބަބަކީ ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރުސަތު ޔުނައިޓެޑަށް ގެއްލުމުންނެވެ. އަންނަ ސީޒަނުގައި ޔުނައިޓެޑު ޔޫރޮޕާ ލީގުގައި ވާދަކުރާއިރު، ރޮނާލްޑޯ އެ ލީގުގައި ކުޅޭކަށް ބޭނުމެއް ނުވެއެވެ.
އެހެން ކަމުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ ބޮޑު ކުލަބަކުން ރޮނާލްޑޯއަށް ޖާގައެއް ހޯދުމަށް އޭނާގެ އެޖެންޓު ޖޯޖް މެންޑޭސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޔޫރަޕުގެ ބޮޑު އެއްވެސް ކުލަބަކުން ރޮނާލްޑޯ ގެންދަން ބޭނުން ނުވާކަން ހަމަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެންޑޭސް ރޮނަލްޑޯ ގެންދިއުމަށް މަސައްކަތް ކުރިމަކަށް ރިޕޯޓުކޮށްފައިވަނީ ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަންގެ ބަޔާން މިއުނިކުގެ އިތުރުން ޗެލްސީއަށެވެ. ނަމަވެސް މީގެން އެއްވެސް ކުލަބަކުން ރޮނާލްޑޯ ގެންދިއުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް