ކޮމަންވެލްތު ގޭމްސް ގައި ދިވެހި ފެތުންތެރިންގެ ހުނަރު ދައްކާ ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަނީ

ޔުނައިޓެޑް ކިންގްޑޮމްގެ ބަރމިންގހަމް ގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައި ދިވެހި ފެތުންތެރިން، އެ އެތްލީޓުންގެ ހުނަރު ދައްކާ، ގައުމީ ގިނަ ރެކޯޑުތަކެއް އައު ކޮށްފިއެވެ. އެގޮތުން ލޯން...

03 Aug 2022 | 13:04

ޔުނައިޓެޑް ކިންގްޑޮމްގެ ބަރމިންގހަމް ގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައި ދިވެހި ފެތުންތެރިން، އެ އެތްލީޓުންގެ ހުނަރު ދައްކާ، ގައުމީ ގިނަ ރެކޯޑުތަކެއް އައު ކޮށްފިއެވެ.

އެގޮތުން ލޯންގކޯސް މިކްސްޑް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 04.14.91 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރެކޯޑު އައުކޮށްފައިވަނީ ދިވެހި ޓީމުގައި ހިމެނޭ މުޙައްމަދު އާން ޙުސައިން، އައިޝަތު ސައުސަން، ހަމްނާ އަޙްމަދު އަދި މުބާލް އައްޒާމް އިބްރާޙީމެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ ވެސް ހަމަ މިޓީމެވެ. އެއީ، މިއަހަރުގެ ޖޫންމަހު ބޭއްވުނު 19 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި 04.18.44 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން ފިރިހެނުންގެ (ލޯންގކޯސް) 50 މީޓަރ ފްރީސްޓައިލް، 100 މީޓަރ ފްރީސްޓައިލް އަދި 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން ވަނީ އައުކޮށްފައެވެ. އޭނާ މި ރެކޯރޑް އައުކޮށްފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓް 00.24.82 އިން، 100 މީޓަރ ފްރީސްޓައިލް އިވެންޓް 00.55.59 އިން އަދި 100 މީޓަރ ބަޓަރފްލައި އިވެންޓް 01.03.35 އިން ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ބަޓަރފްލައި އިވެންޓްގެ ރެކޯރޑް އެންމެ ފަހުން އޮތީ މުޙައްމަދު ރިޙާން ޝިޙާމް އަތުގައެވެ. އެއީ ހަމަ މިމުބާރާތުގެ މިއިވެންޓުގެ ފުރަތަމަ ހީޓްގައި 01.05.12 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ފްރީސްޓައިލް އިވެންޓް އެންމެފަހުން އައުކޮށްފައިވަނީވެސް އާން އެވެ. އެއީ، މިދިޔަ ޖޫންމަހު ބޭއްވުނު 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00.55.49 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްތަކުގެ ތެރެއިން 50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މީގެ 7 އަހަރުކުރިން، 2015 ގައި ބޭއްވުނު 16 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި ނިޝްވާން އިބްރާޙީމެވެ. އެފަހަރު ނިޝްވާން އިވެންޓް ފުރިހަމަކޮށްފައިވަނީ 00.26.27 އިންނެވެ.

އަންހެނުންގެ (ލޯންގކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އައު ކުރީވެސް މިހަރުކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައެވެ. ޙަމްނާ މި ރެކޯރޑް އައުކޮށްފައިވަނީ 00.34.51 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ ވެސް ޙަމްނާއެވެ. އެއީ، މިދިޔަ ޖޫންމަހު ބޭއްވުނު 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00.34.53 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

ޔުނައިޓެޑް ކިންގްޑޮމްގެ ބަރމިންގހަމް ގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައި ދެން އައު ކޮށްފައިވަނީ ފިރިހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑެވެ. މި ރެކޯޑު އައުކޮށްފައިވަނީ މުޙައްމަދު ރިޙާން ޝިހާމެވެ.

ރިޙާން މި ރެކޯރޑް އައުކޮށްފައިވަނީ 01.05.12 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2014 ވަނަ އަހަރު ބޭއްވުނު 20 ވަނަ ކޮމަންވެލްތު ގޭމްސްގައި ނިޝްވާން އިބްރާޙީމެވެ. އެފަހަރު ނިޝްވާން އިވެންޓް ފުރިހަމަކޮށްފައިވަނީ 01.05.22 އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް