"ޤާނޫނުން ލާޒިމު ކުރާ ބައްދަލުވުން މާފަރު ކައުންސިލަށް ނުބޭއްވުނު"

މާފަރު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޖުލައި މަހު ބާއްވަން ޖެހޭ ބައްދަލުވުން މާފަރު ކައުންސިލަށް ނުބޭއްވި އެ ފުރުޞަތު ގެއްލިއްޖެ އެވެ. ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވ...

03 Aug 2022 | 09:56

މާފަރު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޖުލައި މަހު ބާއްވަން ޖެހޭ ބައްދަލުވުން މާފަރު ކައުންސިލަށް ނުބޭއްވި އެ ފުރުޞަތު ގެއްލިއްޖެ އެވެ.

ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ އަދި ޖުލައި މަހު ބައްދަލުވުމެއް ބާއްވަން ޖެހޭނެކަމަށާއި، ޖުލައި މަހު ބާއްވާ އާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތަވާލާއި، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ރައްޔިތުންނަށް ހުށަހަޅާ ޚިޔާލު ހޯދަންވާނެ ކަމަށެވެ.

މިގޮތުން، ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓްތަކާއި، ޕްލޭނާއި، ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަންވާނެ ކަމަށާއި، މީގެ އިތުރުން، ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު ކޮންމެ ދެމަހުން އެއްމަހު ކައުންސިލުން ޢާންމުކޮށް ހާމަކުރަންވާނެ ކަން ލާމަރުކަޒީ ޤާނުނުގެ 110 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް، ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މާފަރު ކައުންސިލުން މި އިޖުރާޢަތުތައް ފުރިހަމަކޮށްފައެއް ނުވެއެވެ. ޖުލައި މަހުގެ ބައްދަލުވުން ބޭއްވުމަށް މާފަރު ކައުންސިލުން އިޢުލާން ކުރީ އެ މަހުގެ 25 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށެވެ. މަސައްކަތު ތާވަލާއި، ބަޖެޓުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ޖުލައި 24 ވަނަ ދުވަހުއެވެ. ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ރިޕޯޓްތައް ޢާންމުކޮށްފައިވަނީ ބައްދަލުވުން ބާއްވަން ގާތްގަނޑަކަށް 24 ގަޑިއިރަށް ވެފައި ވަނިކޮށެވެ.

ލާމަރުކަޒީ ޤާނޫނުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، އެ އަހަރެއްގެ ފުރަތަމަ ހަ މަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓުވެސް ޢާންމުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ރިޕޯޓުވެސް ރައްޔިތުންނަށް ފެންނާނެހެން ޢާންމުކޮށްފައެއް ނުވެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި އެ ރަށުގެ ރައްޔިތުން ބުނެފައިވާގޮތުގައި މާފަރު ކައުންސިލް ހިންގުން ވަރަށް ބޮޑަށް ދޯހަޅިވެ، ރައްޔިތުންގެ އިތުބާރު ނެތް ކައުންސިލެއް ކަމަށް ވެފައިވަނީ، ރައްޔިތުންގެ މަޝްވަރާ ނެތި ގިނަ ކަންކަން ނިންމަމުން އަންނާތީ އެވެ. އެހެންކަމުން، ރައްޔިތުންގެ ޢާއްމު ބައްދަލުވުންތަކަށްވެސް ރައްޔިތުންގެ ފަރާތުން ބައިވެރި ވަނީ ވަރަށް މަދު ބައެއް ކަމަށާއި އެންމެ ފަހުން ތާވަލް ކުރި ބައްދަލުވުމަށްވެސް ހާޟިރުވީ ދެ މީހުން ކަމަށާއި އެހެންކަމުން، އެ ބައްދަލުވުންވެސް ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައި ކަމަށް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުންޏެވެ. ކައުންސިލަށް ގެއްލިފައިވާ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ އިރު، ޑަބްލިއުޑީސީ ހިނގާ ގޮތާއި ބެހޭގޮތުންވެސް އެ ކޮމެޓީގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށްވެސް މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް