ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެކޭ ނުބުނަން: މަބްރޫކް

ބަޔަކު ގެންގުޅެމުން ދަނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ހިޖާމާ ޖައްސަވަން އޮތް ފޮޓޯތަކެކޭ ހާމަކޮށްފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. މިދިޔ...

03 Aug 2022 | 06:30

ބަޔަކު ގެންގުޅެމުން ދަނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ހިޖާމާ ޖައްސަވަން އޮތް ފޮޓޯތަކެކޭ ހާމަކޮށްފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހު އަންހެނަކާއި އެކު ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށްވެސް އެ ފޮޓޯތައް ފުލުހުންނާއި ހަވާލު ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

އެކަން ރައީސް ސޯލިހުގެ ފަރާތްޕުޅުން މަބްރޫކް ވަނީ ހަމަ އެ ދުވަހު ދޮގު ކުރައްވާފަ އެވެ.

އޭގެ ފަހުން އޮންލައިން ނޫސް "މިހާރު" ގައި ޖަހާފައިވާ ހަބަރެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ފޮޓޯއެއް ދައުރުކޮށްފަ އެވެ. އޭގެ ސުރުހީއެއްގެ ގޮތުގައި ލިޔެފައިވަނީ "ބަޔަކު ގެންގުޅެނީ ރައީސް ސޯލިހު ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް: މަބްރޫކް" އެވެ.

އަދި ތިރީގައި ވަނީ ރައީސް ސޯލިހު ހިޖާމާ ޖައްސަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް މަބުރޫކާއި ހަވާލާދީ ލިޔެފައިވެ އެވެ.

މިކަމާއި ގުޅޭގޮތުން މަބުރޫކް މިއަދު ވިދާޅުވީ އެފަދަ މައުލޫމާތެއް އޭނާ ހާމަކުރައްވާފައި ނުވާނެ ކަމަށެވެ. އަދި "މިހާރު" ނޫހުން ވަނީ އެފަދަ ހަބަރެއް ޝާއިއު ކޮށްފައި ނުވާނެކަން ކަށަވަރު ކޮށްދީފައި ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ރައީސް ސޯލިހު ޒިނޭ ކުރެއްވި ކަމަށް ނަޝީދު ތުހުމަތު ކުރެއްވީ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން ނުރުހުން ފާޅު ކުރައްވާ ކިޔުއްވި އެއްޗެހީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް