ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" އަށް ގެނެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮތް ކެބިނެޓުގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، "ނިއު ނޯމަލް" އަށް ނުވަތަ އާ އާންމު ހާލަތަށް ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަކު މުހިންމީ ކޯވިޑުން ދިފާއު ވުމުގެ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރުން ކަމަށެވެ.
ރައީސް ވަނީ ސަރުކާރުގެ ކުންފުނިތަކާއި އިދާރާތައް އަދި އަމިއްލަ ކުންފުނިތަކުން ވެސް ވެކްސިން ފުރިހަމަ ކުރުމަށް ބާރު އަޅައި ދިނުމަސް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި، ކޯވިޑުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތްތަކާއި ވެކްސިން ޖަހާ މީހުންނަށް އެހީތެރިކަންދީ، އެކަމަށް ބާރު އެޅުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރުމުގެ ޕްރޮގާރާމެއް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި އަހަރުގެ މިނިވަން ދުވަހު ދެއްވި ހިތާބުގައި ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް މި މަސް ނިމުމުގެ ކުރިން ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް