ޗުއްޓީ ނިމުމާއި އެކު މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތައް އިތުރުވާން ފަށައިފި

ބޮޑު އީދާއި މިނިވަން ދުވަހާއި އެކު ލިބުނު ދެ ހަފްތާގެ ޗުއްޓީ ނިމުމާއި އެކު މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދު އިތުރުވާން ފަށައިފި އެވެ. އެޗްޕީއޭއިން މިރޭ 6:30 އާއި ހަމައަށް އާންމުކޮށްފައިވ...

03 Aug 2021 | 15:18

ބޮޑު އީދާއި މިނިވަން ދުވަހާއި އެކު ލިބުނު ދެ ހަފްތާގެ ޗުއްޓީ ނިމުމާއި އެކު މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދު އިތުރުވާން ފަށައިފި އެވެ.

އެޗްޕީއޭއިން މިރޭ 6:30 އާއި ހަމައަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު އެކަނި ތިން ރަށެއް މޮނިޓަރިންއަށް ލާފައިވާއިރު މިމަހުގެ ފުރަތަމަ ތިން ދުވަހު ފަސް ރަށެއް މޮނިޓަރިންއަށް ލާފައިވެ އެވެ. މިދިޔަ މަހުގެ 29 ން ފެށިގެން ނުވަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް، އަރާ ފޭބުން ވަނީ މަނާކޮށްފައި އެވެ.

މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައީ ލ. ފޮނަދޫ އާއި ގަން އަދި އއ. ހިމަންދޫ އެވެ. މިވަގުތު ކޯވިޑް-19 ފެތުރޭތީ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ ތެރޭގައި ގިނަ ބަޔަކު ހިދުމަތް ހޯދަންދާ އާބާދީ ބޮޑެތި ގިނަ ރަށްތަކެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ސިޓީ، ރ. އުނގޫފާރު، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ލ. ގަމާއި ފޮނަދޫގެ އިތުރުން ފުވައްމުލަކު ސިޓީ ހިމެނެ އެވެ. މީގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮތީ، ށ. ފޯކައިދޫ، ފީވައް، ހއ. ތަކަންދޫ، ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި އަދި ގއ. ކޫއްޑޫގެ އިތުރުން ގދ. ނަޑެއްލާ އެވެ.

ޖުމްލަ 17 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. އެ އަދަދު އިތުރުވާން ފަށާފައި މިވަނީ މި ދިޔަ ހަފްތާގައި 11 އަށް ދަށްވެފައި އޮތުމަށް ފަހު އެވެ.

އެޗްޕީއޭއިން ވަނީ އީދާއި ދިމާކޮށް ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން ،ކޯވިޑް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނާއި ބަލި ޖެހުނުތާ 60 ދުވަސް ނުވާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތް ނަމަ އަތޮޅުތެރެއަށް ދަތުރު ކުރުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އުޅުމަށް ދިޔައީ އިލްތިމާސް ކުރަމުންނެވެ.

އެގޮތަށް އެންގި ނަމަވެސް މާލެއިން އަތޮޅުތެރެއަށް ދަތުރު ކުރި ގިނަ މީހުން ރަށްރަށުގައި އާންމުންގެ ތެރޭގައި މާސްކު ނާޅާ އުޅޭއިރު ރަށްރަށުގައިވެސް މިހާރު މާސްކު އެޅުމަށް މާބޮޑު ސަމާލު ކަމެއް ނުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް