ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ދައުވާކޮށްދިނުމަށް ފުލުހުން އެދިފައިވާ އަހުމަދު ފާތިހާއި ދެކޮޅަށް ދައުވާ ކުރެވޭވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފާޓިހު ހައްޔަރު ކުރީ މެއި19 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބ. ދަރަވަންދޫއިންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، ފާތިހުގެ މައްޗަށް ދައުވާ ނުކަރަން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ހެކި އަދި ލިބިފައި ނެތުމުން ކަމަށެވެ. އެކަމަކު ތަހުގީގުގެ ތެރެއިން އަދި ވެސް ހެކި ލިބިއްޖެ ނަމަ އޭނާއަށް ދައުވާ ކުރާނެކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ފާތިހަކީ ހަމަލާ ދިނުމުގައި ހިމެނޭ މީހުން ފިލުވަން އުޅުނު މީހެއް ކަމަށް ތުހުމަތު ކުރެވުނަސް ފިލުވުމަށް ބޮޑަށް މަސައްކަތް ކުރީ މުޖާޒް ކަމަށެވެ.
ފާތިހަށް ދައުވާ އަދި ނުކުރި ނަމަވެސް އޭނާ ހުރީ މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ބަންދުގެ މުއްދަތު ޖަހާފަ އެވެ. އެހެން ކަމުން އިތުރު ހެކި ލިބޭތޯ ފުލުހުން މަސައްކަތް ކުރާނެ އެވެ.
މި މައްސަލައިގަ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ އަހުމަދު އަދުހަމް، މުޖާޒް އަހްމަދު އަދި ތަހުމީން އަހްމަދުގެ އިތުރުން އަލީ ހައިޝަމް އާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް