ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުން ހަދައި އަދުހަމް 23 އަހަރުގެ ހުކުމަށް އެއްބަސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވި މައްސަލައިގަ ދައުވާ އުފުލާފައިވާ އަހުމަދު އަދުހަމް ކުށަށް އިއުތިރާފުވެ ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުން ހަދައިފި އެވެ. ...

03 Aug 2021 | 10:56

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވި މައްސަލައިގަ ދައުވާ އުފުލާފައިވާ އަހުމަދު އަދުހަމް ކުށަށް އިއުތިރާފުވެ ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުން ހަދައިފި އެވެ.

އަދުހަމް އަކީ ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި މީހާ އެވެ. އެ މައްސަލައިގަ ދައުލަތުން ވަނީ އަދުހަމާއި ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އުފުލާފައި އެވެ.

އޭނާ އާއި ދެކޮޅަށް މި ދައުވާތައް އުފުލީ ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލާފައި ވާތީ އާއި އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއްވެ އެ ވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ނުރައްކަލެއް ކޮށްފައިވުން ހިމެނެ އެވެ. އަދި މައްސަލައިގައި ތަހުގީގުގައި ސުވާލުކުރުމުން، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސް އަށް ތާއީދުކުރާ މީހެއް ކަމަށް އިއުތިރާފް ވެފައިވެ އެވެ.

މި ހުކުމްތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދުހަމާއި ދެކޮޅަށް37 އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. އެކަމަކު އޭނާ ވަނީ އެ ކުށްތަކަށް އިއުތިރާފުވެ އަދަބު ކުޑަކޮށްދިނުމަށް އެދިފަ އެވެ.

އެ އެދުމާއި އެއްގޮތަށް އިއްޔެ ޕީޖީ އޮފީހާއި އެކު އެއްބަސްވުން އެކުލަވާލުމުން އެ ހުރިހާ ކުށްތަކަކަށް އޭނާއަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެވެ. ޕީޖީ ހުސައިން ޝަމީމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމުން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް އަންނާނީ 20 އަހަރުގެ ހުކުމެއް ކަމަށާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.

އެކަމަކު އެ އެބަސްވުމާއި އެކު ބޮން ގޮއްވި ހަމަލާ ރޭވުމުގެ ދައުވާ އަނބުރާ ގެންދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވި ގޮތުގައި އަދުހަމް ވަނީ ތުހުމަތުތަކަށް އިއުތިރާފުވެ ބަންދުގެ މަޖިލީހުގައި، ކޯޓުގައި ވެސް ބަޔާން ދީފަ އެވެ.

މި މައްސަލައިގަ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ އަދުހަމްގެ އިތުރުން މުޖާޒް މުހައްމަދާއި ތަހްމީން އަހްމަދާއި އަލީ ހައިޝަމްގެ މައްޗަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް