ކޮވިޑު 19 އަކީ ޗައިނާގެ ލެބަކުން ލީކު ވެފައިވާ ވައިރަހެއް ކަމަށް ކަށަވަރު ވެފައިވާ ކަމަށް އެމެރިކާގެ ރިޕަބްލިކަންއިން ބުނެފިއެވެ.ހޯމަ ދުވަހު އާންމު ކޮށްފައިވާ މި ރިޕޯޓުގައި ބުނެފައި ވަނީ، ކޮވިޑު 19 ޗައިނާގެ ދިރާސާކުރާ ލެބަކުން ލީކު ވެފައިވާ ކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސުން ކޮވިޑު 19ގެ އަސްލު ހޯދުމަށް ކުރާ ތަޙްޤީޤުން މިގޮތަށް އަދި ނިންމާފައި ނުވީ ނަމަވެސް، ރިޕަބްލިކަންގެ ރިޕޯޓުގައި ވަނީ ވޫހާންގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ސައިންސްވެރިން ކޮރޯނާ ވައިރަސް މޮޑިފައި ކުރާ ކަމުގެ ގިނަ ހެކިތަކަކަށް ހަވާލާ ދީފައެވެ. އަދި އެ އިންސްޓިޓިއުޓްގެ މިފަދަ ދިރާސާތަކުގައި ޗައިނާގެ ސައިންސްވެރިންގެ އިތުރުން އެމެރިކާގެ ސައިންސްވެރިންވެސް ޝާމިލުވާ ކަމަށާއި، މި އެކްސްޕެރިމެންޓްތައް ކުރިއަށް ގެންދަނީ ޗައިނާ އަދި އެމެރިކާގެ ސަރުކާރުން ފަންޑު ކޮށްގެން ކަމަށް ލަފާ ކުރާ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.
މި ރިޕޯޓުގައި އެ ލެބުގެ ރައްކާތެރިކަމުގެ ޕްރޮޓޮކޯލްސްގެ މައްސަލައެއްވެސް ހެކީގެ ގޮތުގައި ހިމަނާފައި ވެއެވެ. އެގޮތުން، އޭރު 2 އަހަރުވެސް ނުވާ މި ލެބުން 2019 ވަނަ އަހަރުގެ ޖުލައި މަހުގައި ގެއްލުން ދެނިވި މާއްދާތަކެއް ނައްތާލުމަށް 1.5 މިލިއަން ޑޮލަރުގެ ފަންޑަށް އެދިފައިވާކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ކޮވިޑު19 ގެ އަސްލާއި ގުޅިގެން ބައެއް ތަޖުރިބާކާރުން ޤަބޫލު ކުރަނީ ކޮވިޑަކީ ވޫހާންގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއާއި ދާދި ގާތުގައި ހުންނަ ސީފުޑް މާރުކޭޓަކުން، އެހެން ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ފެތުރިފައިވާ ވައިރަހެއް ކަމަށެވެ. ނަމަވެސް ރިޕަބްލިކަންގެ ރިޕޯޓުގައި ބުނެފައިވަނީ، އެ ތިޔަރީ މިހާރު މުޅިން ދޫކޮށްލަން ޖެހޭ ކަމަށް ޤަބޫލު ކުރާ ކަމަށާއި، އެ މީހުންނަށް ލިބިފައިވާ ހެކިތަކުގެ އަލީގައި ކޮރޯނާ ވައިރަސް ލީކު ވެފައި ވަނީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ކަން ސާބިތުވާ ކަމަށެވެ.
އަދި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިން މި ވައިރަސް ލީކުވެފައިވާކަން ދެނެގަނެވިފައިވާ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.
މިއަހަރުގެ އޭޕްރިލްމަހު އެމެރިިކާގެ އެންމެ އިސް އިންޓެލިޖެންސް އޭޖެންސީއިން ބުނެފައި ވަނީ ކޮރޯނާ ވައިރަހަކީ އިންސާނުން އުފައްދާފައިވާ ވައިރަހެެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރު ވަނީ އެ ޤައުމުގެ ހުރިހާ އިންޓެލިިޖެންސް އޭޖެންސީތަކަށް ކޮވިޑު 19ގެ އަސްލު ހޯދުމަށް ކުރާ މަސައްކަތް އަވަސް ކުރުމަށް އަންގަވާ، 90 ދުވަހުގެ ތެރޭގައި ރިޕޯޓު ކުރުމަށް އަންގަވާފައެވެ.
މި ތަޙްޤީޤުތަކަށް ބިނާކޮށް ރޮއިޓަރސްއަށް މައުލޫމާތު ދިން ފަރާތަކުންވަނީ ކޮވިޑު 19 ވުޖޫދުވީ ލެބަކުން ކަމެއް ނުވަތަ ޖަނަވާރެއްގެ ކިބައިންކަމެއް މިހާ ތަނަށް ނިންމިފައި ނުވާ ކަމަށް ބުނެފައެވެ.
ޗައިނާއިން ވަނީ ކޮވިޑު 19އަކީ ޖެނެޓިކަލީ މޮޑިފައިކޮށްގެން އޭގެ އަސްލަށް ބަދަލު ގެނެސްގެން ލީކުވެފައިވާ ވައިރަހެއް ކަމަށް ބުނާ ބުނުމަށް ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ. އަދި ކޮވިޑު 19 ގެ އަސްލާއި ގުޅިގެން އެއްވެސް ކަމެއް ނުފޮރުވާ ކަމަށްވެސް ޗައިނާގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް