ސަރުކާރާއި، ދައުލަތް އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ކޯވިޑް ވެކްސިން ޖަހާ ނަމޫނާ ދައްކާ!

ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖަހައި އާންމުންނަށް ނަމޫނާ ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފި އެ...

03 Aug 2021 | 05:14

ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖަހައި އާންމުންނަށް ނަމޫނާ ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ އެންމެންނަށް ކޯވިޑް-19 ވެކްސިން ދިނުމުގެ ކެމްޕެއިން މާލެ އާއި އަތޮޅު ތެރޭގައި ފަށާފައިވާ ކަމަށެވެ. ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ސާކިއުލާގައި ބުނެފައިވަނީ މިފުރުސަތުގެ ބޭނުން ހިފައި ވެކްސިން ޖެހުމަކީ ބަލިން ރައްކާެރިކަން ލިބިގަތުމަށާއި ނުރައްކާތެރިކަން ކުޑަކުރުމަށް ވަރަށް މުހިންމު ކަމަށެވެ.

އެހެން ކަމުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ފުރިހަމަވެފައިވާ މީހުން ކަމުގައި ވުމަކީ އެދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި ސަރުކާރު މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފުންނަކީވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވުމަށް އެދޭ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

ވެކްސިން ޖެހުމަށް ދަތިވާނަމަ ނުވަތަ އިތުރު މައުލޫމާތު ބޭނުންވާނަމަ އެޗްޕީއޭއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އޮންލައިންކޮށް އެޕޮއިންޓްމެންޓު ހައްދަން އުނދަގޫ ވާ މީހުންނަށް އެހީތެރިވުމަށް ވެކްސިން ސެކްޓަރުތަކުގައި ހެލްޕް ޑެސްކުތަކެއް ހުޅުވާފައި އެވެ. އަދި ސަލްޓަން ޕާކުގައި ރެޑްކެރެސެންޓުން ދަނީ ހެލްޕް ޓެސްކު ބަހައްޓައިގެން އޮންލައިންކޮށް އެޕޮއިންޓްމެންޓު ހެއްދުމަށް އެހީތެރިވަމުންނެވެަ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް