ހުޅުމާލޭގައި އަލަށް ތަރައްގީ ކުރި "ފެހިރެސް" ނެއިބަހުޑް ޕާކާއި، "ފަހިވެނި" އިޖްތިމާއީ މަރުކަޒު ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
މި ދެ ތަން ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އާއި މެޑަމް ފާތިމަތު އިބްރާހިމް އެވެ. މިކަމަށް ޓަކައި ވަކިވަކިން ވަނީ މިރޭ ހުޅުމާލޭގައި ރަސްމިއްޔާތުތަކެއް ބާއްވާފައި އެވެ.
ޗައިނާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ "ފެހިރެސް" ޕާކު ތައްޔާރު ކޮށްފައިވަނީ ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި އެއްތަނަކުން ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ. އެ ޕާކުގައި ކުޑަކުދިން ކުޅޭ ތަނަކާއި، އައުޓްޑޯ ޖިމަކާއި، ވޮލީ ކޯޓަކާއި، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ކޯޓަކާއި، ވޯޓާ ޕޮންޑެއް ހަދާފައިވާއިރު ޕާކް ތެރޭގައި މަޑުކޮށްލެވޭ ގޮތަށް ޖޯއްޔާއި ބެންޗު ހަދާފައިވެ އެވެ.
"ފެހިވެނި" އިޖްތިމާއީ މަރުކަޒު ހަދާފައިވަނީ ހުޅުމާލޭ ނެއިބަހުޑް އެކެއްގައި އެވެ. އެތަނުގައި ބެޑްމިންޓަން ކޯޓަކާއި ޕޫލް ކުޅޭތަނަކާއި ސިނަމާއަކާއި ކެފޭއަކާއި، ޖިމެއްގެ އިތުރުން ކްލާސް ރޫމަކާއި އެކި ކަހަލަ ހަރަކާތްތައް ބޭއްވުމަށް ހާއްސަ ކުރެވިފައިވާ ބައިތައް ހުރެ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އަމާޒު ކަމުގައިވާ ހުޅުމާލެ ޔޫތް ސިޓީ އެއްގެ ގޮތުގައި ތަރައްގީކޮށް ނިމޭއިރު ޒުވާނުން ހިތްހަމަ ޖެހޭ އުފާވެރި މާހައުލެއް އެ ރަށުގައި ގާއިމްކޮށްދޭނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތްތާ ހުޅުމާލޭ ނެއިބަހުޑް ދޭއް އަދި ތިނެއްގައިވެސް ގިނަ ހިދުމަތްތަކެއް ލިބޭގޮތަށް އިޖްތިމާއީ މަރުކަޒުތައް ގާއިމް ކުރާނެ ކަމަށެވެ.
"ފެހިރެސް" ޕާކާއި އިޖުތިމާއީ މަރުކަޒު "ފަހިވެނި" ހުޅުވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް