މާރާމާރީ ހިންގަން ބޭނުން ކުރާނެ ހަތިޔާރުތަކެއް ގެއެއްގެ ތެރެއިން ހޯދައިފި

މާރާމާރީ ހިންގަން ބޭނުން ކުރެވިދާނެ ތޫނު ހަތިޔާރުތަކެއް މާލޭގެ ގެއެއްގެ ތެރެއިން ހޯދައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހަތިޔާރުތައް ފެނިފައިވަނީ ފުލުހުން މިހާރު ހިންގަމުންދާ ހާއްސަ އޮޕ...

03 Aug 2017 | 17:56

މާރާމާރީ ހިންގަން ބޭނުން ކުރެވިދާނެ ތޫނު ހަތިޔާރުތަކެއް މާލޭގެ ގެއެއްގެ ތެރެއިން ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހަތިޔާރުތައް ފެނިފައިވަނީ ފުލުހުން މިހާރު ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން ބަލާ ފާސްކުރި ގެއެއްގެ ތެރެއިން ކަމަށެވެ. އެ ގޭތެރެއިން ފެނިފައިވަނީ ކަތިވަޅި އާއި ކޯރާޑި އަދި ވަޅިތަކެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އެ ހަތިޔާރުތައް ފެނިފައިވަނީ ކޮން ހިސާބެއްގައި ހުންނަ ގެއަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ ފަހުން އިތުރު މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ގުޅިގެން 34 މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަނީ ހޯދަމުންނެވެ. އޭގެ ކުރިން ފުލުހުން ވަނީ އެ މައްސަލަތަކާއި ގުޅުން ހުރި 20 މީހަކު ހައްޔަރު ކޮށްފައި އެވެ.

މި މާރާމާރީތަކަކީ ދެ ގްރޫޕެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއްގެ ސަބަބުން ހިނގަމުންދާ މާރާމާރީތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފަސް މާރާމާރީއެއް ހިންގާފައިވެ އެވެ. އެ ހާދިސާތަކުގައި ދެ މީހަކު މަރުވެފައިވާއިރު އެކަކު މަރުވެފައިވަނީ ބޮލަށް ވަޅި ހެރުމުގެ ސަބަބުންނެވެ. އަނެކަކު މަރުވެފަިއވަނީ ކަރަށާއި މެޔަށް ވަޅި ހެރުމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް