މާރާމާރީ ތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 ށް ވުރެ ގިނަ މީހުން ހޯދަނީ

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހިންގާފައިވާ ގްރޫޕު މާރާމާރީތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 މީހަކު ހޯދަން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެއީ މާރާމާރީތައް ...

03 Aug 2017 | 05:17

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހިންގާފައިވާ ގްރޫޕު މާރާމާރީތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެއީ މާރާމާރީތައް ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންކަމަށާއި އެމީހުން ހޯދަމުންދަނީ ހައްޔަރު ކުރުމަށް ކަމަށެވެ. އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ މާރާމާރީތަކާއި ގުޅިގެން 30 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހިނގާދިޔަ މާރާމާރީތަކަކީ ދެ ގްރޫޕެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއްގެ ސަބަބުން ހިނގަމުންދާ މާރާމާރީތަކެއް ކަމަށެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފަސް މާރާމާރީއެއް ހިންގާފައިވެ އެވެ. އެ ހާދިސާތަކުގައި ދެ މީހަކު މަރުވެފައިވާއިރު އެކަކު މަރުވެފައިވަނީ ބޮލަށް ވަޅި ހެރުމުގެ ސަބަބުންނެވެ. އަނެކަކު މަރުވެފަިއވަނީ ކަރަށާއި މެޔަށް ވަޅި ހެރުމުންނެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އާންމުކޮށް މާރާމާރީތައް އިތުރުވަނީ ސިޔާސީ ގޮތުން ހަލަބޮލިކަން އިތުރުވާ ދުވަސްކޮޅުގައި ކަމަށެވެ. އެހެންވެ ސިޔާސީ ފަރާތްތަކާއި މާރާމާރީތަކާއި ގުޅުމެއް ވޭތޯ ދަނީ ތަހުގީގު ކުރަމުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް