ފިލްމުތަކުގައި ޝާރުކް މުސްކުޅިއެއްގެ ރޯލުން ނުފެންނަ ސަބަބު ބުނެދީފި!

އުމުރުން 51 އަހަރުގެ ޝާރުކް ހާން އަދިވެސް ފިލްމުތަކުން ފެންނަމުންދަނީ ވަރަށް ޒުވާން ރޯލުތަކުން، އުމުރުން ހަގު އަންހެން ތަރިންނާއި އެކު އެވެ. ޝާރުކް މެންނާއި އެކު ޅަ ދުވަހު ފިލްމު ކުޅުނު ތަރިންގެ ތެރޭގ...

03 Aug 2017 | 04:00

އުމުރުން 51 އަހަރުގެ ޝާރުކް ހާން އަދިވެސް ފިލްމުތަކުން ފެންނަމުންދަނީ ވަރަށް ޒުވާން ރޯލުތަކުން، އުމުރުން ހަގު އަންހެން ތަރިންނާއި އެކު އެވެ.

ޝާރުކް މެންނާއި އެކު ޅަ ދުވަހު ފިލްމު ކުޅުނު ތަރިންގެ ތެރޭގައި ހިމެނޭ ޝްރީދޭވީ މެން ފަދަ ގިނަ އަންހެން ތަރިން މިހާރު ފެނިގެންދަނީ ފިލްމުތަކުގައި މަންމައިންގެ ރޯލުންނެވެ. މިއަދު ރިލީޒްކުރާ ޝާރުކް ހާންގެ "ޖަބް ހެރީ މެޓް ސީޖަލް" ގައިވެސް ޝާރުކް ފެނިގެންދާނީ ޒުވާނެއްގެ ރޯލުންނެވެ.

އެ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޝާރުކް ހާން މުސްކުޅިއެއްގެ ރޯލުން ނުވަތަ ބައްޕައެއްގެ ރޯލުން ފެނިގެންދާނީ ކޮން ދުވަހަކުންތޯ ނޫސްވެރިން ސުވާލު ކުރުމުން ބުނީ ދެން އެެންމެ އަވަހަށް ރިލީޒްވާ އޭނާގެ ފިލްމަކުންވެސް އެފަދަ ރޯލަކުން ފެނިދާނެ ކަމަށެވެ.  އެފަދަ ރޯލުތަކުން ނުފެންނަނީ އޭނާ ކުޅެން ބޭނުން ނުވާތީ ނޫން ކަމަށް ބުންޏެވެ.

ޝާރުކް ބުނީ ކުޅެން އެއްބަސްވާ ފިލްމުގެ  ޑައިރެކްޓަރަކު ނުވަތަ ޕްރޮޑިއުސަރަކު އޭނާ ލައްވާ ކުޅުން ބޭނުންވާ ކޮންމެ ރޯލެއް ކުޅެން ތައްޔާރު ކަމަށެވެ. އެއީ މުސްޅިއެއްގެ ރޯލު ވިޔަސް މައްސަލައެއް ނެތް ކަމަށެވެ.

ޝާރުކް ބުނީ އެކަން އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާނެ ކަމަށެވެ. އެގޮތުން "ކުޗް ކުޗް ހޯތާ ހޭ" ގައި ބައްޕައެއްގެ ރޯލުން އަދި "ވީރު ޒާރާ" ގައި 65 އަހަރުގެ މީހެއްގެ ރޯލުން ފެނިގެން ގޮސްފައިވާނެ ކަމަށެވެ.

ޝާރުކް ހާން އެންމެ ފަހުން ފެނިގެންދިޔައީ އާލިއާ ބަޓް އާއި އެކު ކުޅުނު "ޑިއާ ޒިންދަގީ" އިންނެވެ. މިއަދު ރިލީޒްް ކުރާ ފިލްމު "ޖަބް ހެރީ މެޓް ސީޖަލް" ގައި ޝާރުކް ފެނިގެންދާނީ އަނުޝްކާ ޝަރްމާ އާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް