މިނިވަން 50 ފާހަގަކުރީ މިނިވަންކަމަށް ގޮންޖެހި ދެތިން ހަތަރު އަހަރެއް ކަޑައްތު ކުރުމަށްފަހު: ރައީސް ޔާމީން

ރާއްޖޭގައި މިނިވަން 50 ފާހަގަކުރީ މިނިވަންކަމަށް ގޮންޖެހި ދެތިން ހަތަރު އަހަރެއް ކަޑައްތު ކުރިފަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިހެން...

03 Aug 2015 | 11:24

ރާއްޖޭގައި މިނިވަން 50 ފާހަގަކުރީ މިނިވަންކަމަށް ގޮންޖެހި ދެތިން ހަތަރު އަހަރެއް ކަޑައްތު ކުރިފަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ވެރިކަންކުރާ ޕާޓީ، ޕީޕީއެމަށް ބައެއް ކައުންސިލަރުންނާއި އެކްޓިވިސްޓުން ސޮއި ކުރުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މިނިވަން 50 އުފަލާއެކު ފާހަގަކުރާއިރު މި 50ގެ ކުރީ ދެތިން އަހަރު ދިޔައީކީ މިނިވަންކަމުގެ މަތީގައި ތިބުމުގައި އެހާ ހިތްހަމަޖެހިގެން ނޫން ކަމަށެވެ. އެކަމާ ދޭތެރޭ އެހާ ފަހުރުވެރިވާ ގޮތަކަށް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގެ މިހާރުގެ ތާރީހު. ކޮންމެ ގޮތަކަށް ދިރާސާ ކުރައްވާފައި ލިއުއްވި ނަމަވެސް އިންސާފުގެ ނަޒަރުން ލިއުއްވާ ކަމަށް ވަންޏާ، އަޅުގަނޑުމެންގެ ހަގީގަތުގައި ދާހިލީ މިނިވަންކަމަށް ގޮން ޖެހި ތިން ހަތަރު އަހަރެއް ކަޑައްތުކޮށްފައި އަޅުގަނޑުމެން މިނިވަން 50ގެ އިހުތިފާލް މިކުރަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ގަބޫލުކުރައްވާ ކަންކަމުގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ޖާގަ ދެވުނު ބައެއް ކަންކަން ކަމަށާއި އެގޮތުން ރާއްޖޭގެ ވެރިކަން ބަދަލުވީ ރަނގަޅަށްތޯ ބެލުމަށް ތަހުގީގު ހިންގަން ބޭރު މީހުންނަށް ޖާގަ ދެވުނު ކަމަށާއި ޝަރުއީ ބައެއް ކަންކަމާ ބަސްބުނުމުގެ ފުރުސަތު ދެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔައީ ކިހިނެއްތޯ، ދުނިޔޭގެ ޖަމިއްޔާތަކަކުން ނޫނީ އެހެން ގައުމަކުން ބަލަން ނުޖެހޭ ކަމަށެވެ. އަދި އެކަން ތަހުގީގުކުރާ މުއައްސަސާތަކާ ކަންކަން ނިންމޭ ވަރުގެ މުއައްސަސާތައް އެބަތިބި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފަހުގެ ދެތިން އަހަރު ރާއްޖެ އޮތީ އުނދަގޫތަކެއްގެ ތެރޭގައި ކަމަށާއި އެ އުނދަގޫތައް ނެތް ނަމަ އިގުތިސާދީ ގޮތުން ވެސް ރާއްޖެ އޮންނާނީ މިހާރު އޮތް ވަރަށް ވުރެ މާ ކުރީގައި ކަމަށެވެ. އަދި ވިދާޅުވީ މިނިވަން 50ގެ އުފާވެރިކަން އިހުސާސް ކުރެވުނީ ބޭރުގެ ފަރާތްތަކުން ރާއްޖެއާ ބެހުމަށް އިތުރު ފުރުސަތު ނުދިނުމުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް