ލިވަޕޫލް އަދި ޕޯޗުގަލްގެ ފޯވަރޑް ދިއޯގޯ ޖޯޓާ (28 އަހަރު) އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ (25 އަހަރު) ސްޕެއިންގެ ޒަމޯރާ ޕްރޮވިންސްގައި ބުރާސްފަތި ދުވަހުގެ ފަތިހު ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެކަމަށް ސްޕެއިންގެ އޮތޯރިޓީތަކާއި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މެންދަމުގެ ފަހުން ކުޑައިރުކޮޅެއްގެ ތެރޭގައި ކާރު މަގުން ނެއްޓި، އެކްސިޑެންޓްވެ އަލިފާން ރޯވުމާ ގުޅިގެންނެވެ. އިމަޖެންސީ ރެސްޕޮންޑާރސް ކަށަވަރުކޮށްދިން ގޮތުގައި ދެމީހުންވެސް މަރުވެފައި ވަނިކޮށް ފެނިފައިވަނީ ހާދިސާ ހިނގި ތަނުންނެވެ. މި ހާދިސާގައި އެހެން އެއްވެސް އުޅަނދެއް ހިމެނިފައެއް ނުވެއެވެ. އަދި މި އެކްސިޑެންޓް ހިނގި ސަބަބު ބެލުމަށް ތަޙުޤީޤެއް ކުރިއަށްދާކަމަށް ވެއެވެ.
ޖޫން 28 ގައި ކައިވެނިކުރި ޖޯޓާއަކީ ލިވަޕޫލްގެ ފަހުގެ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ކްލަބަށް ޕްރިމިއަރ ލީގު ޗެމްޕިއަންކަން ހޯދައިދިނުމުގައި އެހީތެރިވެފައެވެ. އަދި އޭނާ ލިވަޕޫލްއާއިއެކު އެފްއޭ ކަޕާއި ލީގު ކަޕްވެސް ކާމިޔާބުކޮށްފައިވެއެވެ. ޖޯޓާ ލިވަޕޫލާ ގުޅުނީ 2020 ގައި ވޯލްވަރހެމްޕްޓަން ވޯންޑަރާސްއިންނެވެ. އޭނާ ވަނީ މާސީސައިޑް ކްލަބަށް 182 މެޗުގައި ކުޅެދީ، 65 ލަނޑު ޖަހާފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ޖޯޓާއަކީ ޕޯޗުގަލްގެ ޤައުމީ ޓީމުށް ގަވާއިދުން ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ 49 މެޗުގައި ޤައުމީ ޓީމަށް ކުޅެ، ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ ވަނީ ޕޯޗުގަލްގެ ދަށު ޑިވިޜަންތަކުގައި ޕެނަފީލްއަށް ކުޅެފައެވެ.
މި ޚަބަރުން ފުޓުބޯޅަ ދުނިޔެއަށް ވަނީ ބޮޑު ސިހުމެއް އައިސްފައެވެ. އަދި ޓީމު މެންބަރުންނާއި، ފޭނުންނާއި، އަދި ޔޫރަޕުގެ އެކި ކްލަބުތަކުން ތަޢުޒިޔާ ފޮނުވަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް