ކުރީގެ ޗީފް އޮފް ޑިފެންސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ޝިޔާމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާގައި ބުނީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ އެންގުމަށް އޭނާގެ ބައްޕަ ދިރިއުޅުނު ކަމަށާއި އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައް ވެސް ދީފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިޔާމަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
އެހެންކަމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން އެދިގެން ހައިކޯޓަށް ހުށަހަޅާފައި ވަނީ މި އަހަރުގެ ޖެނުއަރީގައެވެ.
ނަމަވެސް މި މައްސަލަ ކުރިއަށްދަނިކޮށް މި މައްސަލަ ހިނގައިދިޔަތާ ހަތް އަހަރުވެފައި ވާއިރު، ޝިޔާމުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައި ނުވާތީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ބުނެ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ ދައުވާ އަނބުރާ ގެންދަން ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް