ބައެއް ދެމަފިރިން ފެންނަނީ އަހަރުތަކެއް ވާއިރުވެސް ފުރަތަމަ ދުވަސް ފަދައިން ލޯބީގަ ޖެހިފައިވާތަނެވެ. އެމީހުންގެ ސިއްރަކީ ކޮބައިބާއެވެ؟ ދިރާސާތަކުން ދައްކާގޮތުގައި ދެމިގެންދާ ލޯބި ލިބެނީ ހަމައެކަނި ނަސީބަކުން ނޫނެވެ. އެއީ ވަކި އާދަތަކެއްގެ ނަތީޖާއެކެވެ. ކަމުގެ މާހިރުންނަށް ފާހަގަކުރެވިފައިވާ ގޮތުގައި އެންމެ އުފާވެރި، ދިގު މުއްދަތަކަށް ކައިވެނިކޮށްގެން ތިބޭ ދެމަފިރިން ކޮންމެ ދުވަހަކު ވަކި އާދަތަކެއްމަތީގައި ދެމިތިބެއެވެ. މިއިން އެމީހުންގެ ގުޅުން ވަރުގަދަވެއެވެ. ތިރީގައި ބަޔާންކޮށްދެވިފައިވަނީ އުމުރަށް އުފާވެރިކަމާއެކު ކައިވެނިކޮށްގެން ތިބޭ ދެމަފިރިންގެ 5 މުހިންމު އާދައެވެ.
1. ހުޅުވާލެވިގެން މުއާމަލާތް ކުރުން
ދުޅަހެޔޮ މުއާމަލާތަކީ އުމުރުދުވަހުގެ އުފާވެރި ކައިވެނީގެ މައިގަނޑު ބިންގަލެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކާމިޔާބު ގުޅުމެއްގެ އެންމެ މުހިންމު ސިފައެއްގެ ގޮތުގައި މީހުން ބަލައިގަންނަނީ މުއާމަލާތްކުރުމެވެ. ކުރިއަރާ ދެމަފިރިން ވަގުތު ހޭދަކުރަނީ ވާހަކަދައްކައި އަދި އަޑުއަހައިގެންނެވެ. ދުވަހުގެ ކުދިކުދި ކަންކަމުން ފެށިގެން މުހިންމު ނިންމުންތަކާ ހަމައަށް ދެމެފިރިން ވާހަކަ ދަށްކައި މަޝްވަރާ ކުރެއެވެ. އެންމެ އުފާވެރި ދެމަފިރިން އާންމުކޮށް ގަވާއިދުން ފުން، މާނަހުރި ވާހަކަތަކުގައި މަސްއޫލުވެ އުޅެއެވެ. ހުޅުވާލެވިގެންވާ، ތެދުވެރި ވާހަކަތަކުން އިތުބާރާއި އެއްބަސްވުން ބިނާވެއެވެ. މިއިން ކަށަވަރުކުރެވެނީ ކުދިކުދި މައްސަލަތައް ވަގުތާއެކު ބޮޑެތި މައްސަލަތަކަށް ބަދަލު ނުވާނެކަމެވެ.
2. ޝުކުރުވެރިވުމާއި އަގުވަޒަންކުރުން
އުފާވެރިކަމާއެކު ކައިވެނިކޮށްގެން ތިބޭ ދެމަފިރިން ގިނަގިނައިން "ޝުކުރިއްޔާ" ބުނެ، ކުދިކުދި ކަންކަމުގެވެސް އަގުވަޒަންކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފިރިމީހާ ނުވަތަ އަނބިމީހާގެ ފަރާތުން އަގުވަޒަންކުރެވޭކަން އިހުސާސްވުމުން ޒަވާޖީ ގުޅުމުގައި ހިތްހަމަޖެހުމާއި ވަފާތެރިކަން އިތުރުވެއެވެ. ޝުކުރުވެރިކަމަކީ އުނދަގޫ ދަނޑިވަޅުތަކުގައިވެސް ޒަވާޖީ ދެމަފިރިން ގާތްކޮށްދޭ ބާރުގަދަ ވަސީލަތެކެވެ. މިއިން އެމީހުންނަށް ކައިވެނީގެ މައްޗަށް އުފާވެރި ނަޒަރަކުން ބެލުމަށް އެހީތެރިވެދެއެވެ.
3. ފެންވަރު ރަނގަޅުކޮށް ވަގުތު ހޭދަކޮށް، އެކުގައި މަޖާ ކުރުން
އުފާވެރިކަމާއެކު ކައިވެނިކޮށްގެން ތިބޭ ދެމަފިރިން އިސްކަންދެނީ އެކުގައި ފެންވަރު ރަނގަޅު ވަގުތު ހޭދަކުރުމަށެވެ. އެއީ ހަފްތާއަކު އެއްފަހަރު ޑޭޓަށް ދިއުން ކަމުގައިވިޔަސް، ރޭގަނޑުގެ ކެއުމަށްފަހު ހިނގާލަން ދިޔުން ކަމުގައިވިޔަސް، ނުވަތަ އެކުގައި ހިއްސާކުރާ ހިތްގައިމު މަސައްކަތެއް އެންޖޯއިކުރުން ކަމުގައިވިޔަސް، އެމީހުން ވަގުތު ހޭދަކުރަނީ ގުޅުން ބަދަހިކޮށް އައު ހަނދާންތައް އުފެއްދުމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދެމަފިރިން ހަރަކާތްތެރިކަމާއެކު ތަޖުރިބާތައް ހިއްސާކުރާނަމަ، އެމީހުންގެ މެދުގައި ވަރުގަދަ އިހުސާސެއް އަދި ގާތްކަމެއް އުފެދެއެވެ. ހިނިތުންވުމަކީވެސް މި ކައިވެނިތަކުގެ ބޮޑު ބައެކެވެ. އެކުގައި ކުޅެ ސަމާސާ ކުރާ ޒަވާޖީ ދެމަފިރިން އެކުގައި ދެމިތިބެއެވެ. އެމީހުން އެމީހުންގެ ރަހުމަތްތެރިކަން ދަމަހައްޓައި، މަޖާކޮށް، އަދި ދިރިއުޅުމުގެ ޒިންމާތަކުގެ ތެރޭގައިވެސް އެކަކު އަނެކަކުގެ ބައިވެރިވުން ހަނދާނެއް ނުނެތެއެވެ.
4. ފަރުވާތެރިމާއި އިޙްތިރާމާއެކު ޚިލާފުތަކާ ކުރިމަތިލުން
އުފާވެރި ދެމަފިރިން ޚިލާފުތަކާ ކުރިމަތިލަނީ އިޙްތިރާމާއެކު، އަޑުއަހައި، އަދި ހައްލުތައް ހޯދުމަށް އަމާޒުކޮށްގެންނެވެ. އެމީހުން ޒާތީ ހަމަލާތަކުން ނުވަތަ ކުރީގެ ރުޅިވެރިކަން ހަނދާންކޮށްދިނުމުން ދުރުހެލިވެއެވެ. ރުޅިއައިސްފިނަމަ، އެމީހުން ފަހަރެއްގައި ހުސްވަގުތުކޮޅެއް ނަގައި، ހަމަޖެހުނީމާ އަނެއްކާވެސް އެ މައްސަލައަށް އެނބުރި އާދެއެވެ. އެންމެ މުހިންމު ކަމަކީ، ދެމަފިރިން މަޢާފަށް އެދި، މަޢާފުކުރުމެވެ. އެމީހުން ބޭނުންވަނީ މައްސަލަތައް ހައްލުކޮށް ކުރިއަށް ދިއުމެވެ. ޚިލާފުވާ ވަގުތުގައިވެސް އެކަކު އަނެކަކާމެދު އޯގާތެރިކަމާއެކު މުޢާމަލާތުކުރުމުން، ދެމަފިރިން ކަށަވަރުކުރަނީ ޚިލާފުތަކުން އެމީހުންގެ ގާތްކަން ނުގެއްލޭނެކަމެވެ.
5. އެކަކު އަނެކަކުގެ ކުރިއެރުމަށް އެހީތެރިވެދިނުން
އުފާވެރިކަމާއެކު ކައިވެނިކޮށްގެން ތިބޭ ދެމަފިރިން އެކަކު އަނެކަކު ދެކެނީ ދިރިއުޅުމުގެ ޓީމްމޭޓުންގެ ގޮތުގައެވެ. އެމީހުން އެކަކު އަނެކަކުގެ ލަނޑުދަނޑިތަކަށް ހިތްވަރުދީ، ކާމިޔާބީތައް ފާހަގަކޮށް، އަދި އުނދަގޫ ވަގުތުތަކުގައި އެހީތެރިވެދެއެވެ. އަނެއް ފަރާތް ކުރިއަރައިގެން ދިޔުމުން ބިރުގަތުމުގެ ބަދަލުގައި، އެމީހުން އެކަމާ ފަޚުރުވެރިވެއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގެ މި އާދައިން އުފެދެނީ ފުން އިތުބާރަކާއި "އަހަރެމެން މިތިބީ މިކަމުގައި އެކުގައޭ" މިފަދަ އިހުސާސެކެވެ. އަހަރުތައް ފާއިތުވަމުންދާއިރު، އެމީހުން ވަކިވަކިން ކުރިއަރާ ދިއުމުގެ ބަދަލުގައި އެކުގައި ކުރިއަރައި ދެއެވެ. އެމީހުން އަބަދުވެސް ބަލަނީ އެކަކު އަނެކަކުގެ އެންމެ ބޮޑު ތާއީދުކުރާ ފަރާތްތަކަށް ވުމަށެވެ.
އުމުރަށް އުފާވެރިކަމާއިއެކު ކައިވެނިމަތީގައި ތިބުމަށް އެއްވެސް ޖާދޫގެ ފޯމިއުލާއެއް ނޯވެއެވެ. އެހެންނަމަވެސް މަތީގައި ބަޔާންކުރެވުނު އާދަތައް އެއާ ވަރަށް ގާތް ކުރެއެވެ. މުއާމަލާތުކޮށް، އަގުވަޒަންކޮށް، ކުޅެ، މަޢާފުކޮށް، އަދި އެކަކު އަނެކަކަށް އެހީތެރިވާ ދެމަފިރިން އާންމުކޮށް އުމުރަށް ލޯބި ދިރުވައި ބަހައްޓައެވެ. އުފާވެރި ނިމުމެއް ލިބުމަކީ ހަމައެކަނި ވާހަކައެއްގައި އޮންނަ ކަމެއް ނޫނެވެ. އެއީ ތިބާމެން އެކުގައި ބިނާކުރާ އެއްޗެކެވެ. ހަނދާންބަހައްޓަންވީ ކަމަކީ، ކޮންމެ ކައިވެންޏަކީވެސް ތަފާތު ކައިވެންޏެއްކަމާއި، މި އާދަތައް ތިބާމެންގެ ވަކި ހާލަތްތަކާއި ބޭނުންތަކަށް ފެތޭގޮތަށް ބަދަލުކުރެވިދާނެކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް