އައްޑޫގައި އެންސްޕާ އޮފީހެއް ޤާއިމްކުރަނީ

އައްޑޫގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ އޮފީހެއް  ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ ވިދާޅުވީ އެކަމުގެ ޕައިލެޓް ޕޮރޮޖެކ...

03 Jul 2024 | 10:37

އައްޑޫގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ އޮފީހެއް  ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ އެކަމުގެ ޕައިލެޓް ޕޮރޮޖެކްޓް އައްޑޫގައި ކުރިއަށްގެންދިޔުމަށް އައްޑޫ ސިޓީ ކައުންސިލާއެކު މިހާރު މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ސިއްޙީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާއަކީ، އެކި ވަޞީލަތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ މައި އިދާރާއަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއެވެ.

އެއިދާރާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ދަފްތަރުގައި ވަނީ 12900 އަށްވުރެ ގިނަ މީހުން ރަޖިސްޓަރކޮށްފައިއެވެ.

މިއަދު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އެންސްޕާގެ ދަފްތަރުގައި އެންމެ ގިނައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަޖިސްޓަރވެފައިވާ އެއް ސަރަޙައްދަކީ އައްޑޫ ސިޓީކަމަށެވެ. އެހެންކަމުން އެއިދާރާގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އެސިޓީގައި އެންސްޕާ އޮފީހެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ގާތްގަނޑަކަށް ހާހަކާއި ގާތްކުރާ މީހުން ނިސްބަތްވަނީ އައްޑޫ ސިޓީއަށް. އެހެންކަމުން މޮނީޓަރކޮށް އެފަރާތްތަކުގެ ޙާލަތު އިވެލުއޭޓްކުރުމަށް ވަރަށް ބޮޑު ޗެލެންޖަކަށްވޭ. އެހެންކަމުން މިހާރު އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަމުންދަނީ އެންސްޕާ އޮފީހެއް ޤާއިމުކުރަން" ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން ހީނާ ވިދާޅުވީ، އައްޑޫ ސިޓީގައި އެ އެޖެންސީގެ އޮފީސް ޤާއިމުކުރުމަށް މަސައްކަތްކުރާނެ ތަނަކާއި އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް ދާއިމީ މުވައްޒަފުންވެސް ހޯދަންޖެހޭނެކަމަށެވެ. އެކަމަށް ތައްޔާރުވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ފުރަތަމަ ބައްދަލުވުން މިހާރު ވަނީ ބާއްވާފައި ކަމަށް ހީނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ގިނަ މީހުން ހިމެނޭ ސަރަޙައްދުތަކުގައި އެންސްޕާގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރާނެކަމަށް ހީނާ ވަނީ އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފާހަގަ ކުރައްވާފައެވެ.

އެންސްޕާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މާލީ ޢިނާޔަތާއި އެފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޢިނާޔަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިފަދަ މީހުންގެ ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްވެސް އެންސްޕާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މިގޮތުން ޙައްގުވެރި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މޮނީޓަރިންގެ މަސައްކަތުގެ ތެރެއިން މިއަހަރުވަނީ ކ. މާފުށީގެ މޮނީޓަރިންގެ މަސައްކަތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް