ޙާލު ކިހިނެއް؟ ޕްރޮގްރާމުން މިހާތަނަށް ފާހަގަވި އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސް ފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިހެން ބުނެފައިވަނީ އެ ޕްރޮގްރާމްގެ ދަށުން ޒިޔާރަތްކުރެވުނު ގޭބިސީގެ އަދަދު ހާހުން މައްޗަށް ދިއުމުން އެކަން ފާހަގަކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ވުޒާރާއިން ބުނެފައިވަނީ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 2024 މެއި 30 އިން ޖުލައި 1 އެއް ގެ ނިޔަލަށް 1015 ގެއަށް ޒިޔާރަތްކޮށްފައިވާކަމަށެވެ.
"މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހިޔާ ޓަވަރުތަކުގެ 1015 ގެއަށް ޒިޔާރަތް ކުރެވި އެއްކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައް، އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ފާހަގަކޮށްލެވޭ، އެއާއެކު އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްލެވޭ" އެ ވުޒާރާއިން ބުނެފައިވެއެވެ.
ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުގައި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމްކުރެވިފައިވާ ރަށްތަކުގައެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މިފަދަ މައްސަލަތައް ޙައްލުކުރުމަށް އެ މިނިސްޓްރީން ގެންދަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދައި، ވަޒީފާގެ މާހައުލަށް އެކުދިން އަހުލުވެރިކުރުމަށް ތަފާތު އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރެވެމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. ހަމައެއާއެކު، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއެކު މަޝްވަރާކުރަމުން އަންނަކަންވެސް ފާހަގަކޮށްފައިވެއެވެ.
"އެގޮތުން ވޭތުވެދިޔަ ހަފްތާގައި އެ ވުޒާރާއިން ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައި، އޭގެ އިތުރުން ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ހޯދުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެސް މި ޕްރޮގްރާމުގެ ދަށުން ދަނީ ފޯރުކޮށްދެމުން" އެ ވުޒާރާއިން ބުނެފައިވެއެވެ.
ހަމަ އެހެންމެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ވެސް ކެނޑިނޭޅި ލިބެމުންދާކަން ފާހަގަކުރަމުން އެ ވުޒާރާއިން ބުނެފައިވަނީ މިނިސްޓްރީން ވަނީ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތެއް ހުރިކަމުގައި ވާނަމަ، މިނިސްޓްރީގެ ކޯލްސެންޓަރ 1433 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް އެދޭކަމަށެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް