އަވަސް ފިޔަވަޅުތަކެއް އަޅުއްވައިގެން ޤައުމު ސަލާމަތްކޮށްދެއްވާ، ވެވުނު ވަޢުދުތަކަށް ބަލާނެކަމެއް ނެތް: ޤާސިމް އިބްރާހިމް

މިވަގުތު މުހިންމީ އިންތިޚާބާއި ދިމާކޮށް ވެވުނު ވަޢުދުތަކަށް ބެލުން ނޫން ކަމަށާއި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅުއްވައި ޤައުމު ސަލާމަތް ކުރުންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ...

03 Jul 2024 | 05:43

މިވަގުތު މުހިންމީ އިންތިޚާބާއި ދިމާކޮށް ވެވުނު ވަޢުދުތަކަށް ބެލުން ނޫން ކަމަށާއި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅުއްވައި ޤައުމު ސަލާމަތް ކުރުންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ.

ދަޢުލަތުގެ މާލީ ހާލަތު އިސްލާޙުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ލަސްކޮށްފިނަމަ އައިއެމްއެފްއާއި ވޯލްޑްބޭންކްގެ އެހީގެ ޕެކޭޖަށް ދާންޖެހިދާނެކަމަށާއި އެހަމައިން ރައީސެއްގެ ބޭނުމެއްވެސް ނޯންނާނެކަމަށެވެ.

ޤާސިމް ވިދާޅުވީ މިއީ ވީ ވަޢުދުތަކާމެދު ވިސްނަންވީ ވަގުތު ނޫން ކަމަށާއި ވީ ވަޢުދުތައް ފުއްދުނު އެއްވެސް ވެރިއަކު ނެތް ކަމަށެވެ.

ލަސް ނުކުރައްވައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ޤައުމުގެ ހާލަތު ވަރަށް ގޯސް ހާލަތަކަށް ހިނގައިދާނެކަން ޤާސިމްގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. އަދި ތިން ބާރުގެ ތެރެއިން އެންމެ ބާރުގަދަ ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމުގައިވާއިރު ޤައުމު ސަލާމަތް ކުރުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވީ ތައްޔާރަށް ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް