އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ސަމާލުވުމަށް އެމްއެމްސީން އިލްތިމާސް ކޮށްފި

އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ކަވަރުކުރުމާއި ގެނެސްދިނުމުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށ...

03 Jul 2022 | 17:04

އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ކަވަރުކުރުމާއި ގެނެސްދިނުމުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެމްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަދަ ޚަބަރާއި މައުލޫމާތުތަކަކީ، އެ މައުލޫމާތު ގެނެސްދެވޭގޮތުން، އެހެން މީހުންނަށް އެފަދަ އަމަލުކުރުމަށް ހިތްވަރު ލިބިދާނެ، އަދި ޝައުގުވެރިކުރުވަފާނެ ފަދައިން މައުލޫމާތު ގެނެސްދެވިދާނެ ދާއިރާއަކަށްވާތީ އެކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އެ ކައުންސސިލުން ވަނީ ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "އަމިއްލައަށް މަރުވުމާއި، ޓެރެރިޒަމާއި، މާރާމާރީއާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޖަރީމާތަކާއި ކުރާ ކުށްތަކާބެހޭ މަޢުލޫމާތު ޝާއިޢުކުރާއިރު، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެކަންކަމުގެ މަޢުލޫމާތު ޝާއިޢުކުރުމުން ދުރުހެލިވާނެއެވެ." މިފަދައިން ކަން ހަނދާންކޮށްދީފައެވެ.

އެހެންކަމުން، ޚާއްސަގޮތެއްގައި އެފަދަ ޚަބަރެއްގައި ކުޑަކުދިންގެ މައުލޫމާތު ހިމެނޭނަމަ، ކަމާގުޅޭ އެންމެހައި ޤާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެކުދިންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް މައުލޫމާތެއް ޝާއިޢުކުރުމަކީ އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމްއެމްސީން ބުނެފައިވެއެވެ.

ހަމަ އެހެންމެ، ނޫސްވެރިންގެ އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރު ފެތުރުމަށް ސަމާލުވެ، ޚަބަރު ރައްދުވާ ފަރާތްތަކުގެ ކަރާމާތް ހިފަހައްޓައި، އެފަރާތްތަކުގެ ޒާތީ ކަންކަމަށް އިޙުތިރާމްކުރުމާއެކު، ޚަބަރު ގެނެސްދިނުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ފަރާތްތަކާ ދޭތެރޭ ހަމްދަރުދީ ވުމަކީ، މިފަދަ ހާލަތުތަކުގައި ބައިނަލްއަޤްވާމީ ގޮތުންވެސް އަމަލުކުރެވޭ އެންމެ ރަނގަޅު މިންގަނޑުތައް ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެހެންކަމުން، އެފަދަ ކަންކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރާއިރު އެކުދިންގެ ކަރާމަތާއި ޙައްޤުތައް ހިމާޔަތްކުރުމަށް އިސްކަންދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެ ކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މަޢުލޫމާތެއް މީޑިއާގައި ބޭނުންނުކުރުމަށް ސަމާލުކަންދިނުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް