ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ނިންމާ އެކަން ކުލަބަށް އަންގާފައިވަނީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ހަދާފައިވައިވާ ލަނޑު ޖެހުމުގެ ރެކޯޑާއި މެސީ އަރާ ހަމަކޮށްފާނެ ތީ އެކަމާއި ބިރުންކަމަށް ރިޕަބްލިކް އޮފް އަޔަލެންޑުގެ ކުރީގެ ފުޓުބޯޅަ ލެޖެންޑް ޓޯނީ ކަސްކާރީނޯ ބުނެފިއެވެ.
އިނގިރޭސި ވިލާތުގެ ކުޅިވަރު ރޭޑިއޯ ސްޓޭޝަން އެއް ކަމުގައިވާ "ޓޯކް ސްޕޯޓްސް" އާއި ވާހަކަ ދައްކަމުން ކަސްކާރީނޯ ބުނީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުން ވެގެން ޔުނައިޓެޑު ދޫކޮށްލަން މަސައްކަތް ކުރަނީ އޭނާ ޗެމްޕިއަންސް ލީގުގައި ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑު މެސީ މުގުރާލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށާއި އެރެކޯޑު އެހެން ކުޅުންތެރިއަކު މުގުރާލާތަން ދެކެން ރޮނާލްޑޯ ބޭނުން ނުވާކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އެހެން ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ޔުނައިޓެޑު ދޫކޮށްލަން ބޭނުން ކަމަށް ރޮނާލްޑޯ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވާއިރު، އޭނާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވަނީ ޗެމްޕިއަންސް ލީގު މުބާރާތުގައި ކުޅުމަށް ބޭނުން ވެގެން ކަމަށް ކަސްކާރީނޯ ބުންޏެވެ. އަދި ރޮނާލްޑޯ އާއި އެންމެ ވާދަވެރި މެސީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭއިރު، ރޮނާލްޑޯ އެ މުބާރާތުގައި ހޯދާފައިވާ ކާމިޔާބީތަކާއި މެސީ އަރާ ހަމަކޮށްފާނެތީ އެކަމާއި ރޮނާލްޑޯ ވަރަށް ބޮޑަށް ޖެހިލުންވާ ކަމަށް ވެސް ކަސްކަރީނޯ ވަނީ ބުނެފައެވެ.
" ރޮނާލްޑޯ ބޭނުން ވަނީ ޗެމްޕިއަންސް ލީގު ކުޅެން. އެއީ މެސީ އޭނާގެ ރެކޯޑުތަކާއި އަރާ ހަމަކޮށްފާނެތީ އެކަމާއި ބިރުން. އެސަބަބައްޓަކައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމީ. ޔޫރޮޕާ ލީގު ކުޅޭކަށް ރޮނާލްޑޯ ބޭނުމެއް ނުވާނެ." ކަސްކާރީނޯ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ނިމިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯ އާއި އެކުވެސް ޔުނައިޓެޑަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއި ކަމަށާއި އެކަމުގެ ސަބަބުން ޔުނައިޓެޑު ކުޅެން ޖެހިފައިވަނީ ޔޫރަޕްގެ ދެވަނަފަންތީގެ މުބާރާތެއް ކަމުގައިވާ ޔޫރޮޕާ ލީގުގައި ކަމަށެވެ. އަދި ޔޫރޮޕާ ލީގު ކުޅުމަކީ ރޮނާލްޑޯ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
ކަސްކަރީނޯ ބުނީ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ކުޅެފަވެސް ހުރީ ދުނިޔޭގެ ނިސްބަތުން މޮޅެތި ކުލަބުތަކަށް ކަމަށެވެ. އަދި އެ ކުލަބުތަކާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ރޮނާލްޑޯ ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ޗެމްޕިއަންސް ލީގު މުބާރާތުގައި މެސީއަށް ވުރެ ކާމިޔާބީ ރޮނާލްޑޯ ކަމަށް ވެސް ކަސްކަރީނޯ ބުންޏެވެ.
މީގެ އިތުރުން ކަސްކަރީނޯ ބުނީ ރޮނާލްޑޮ އޭނާގެ ކެރިއަރުގައި މިހާތަނަށް ޤަވައިދުން ޗެމްޕިއަންސް ލީގު ކުޅެފައިވާ ކަމަށާއި އެހެން ކަމުން ޗެމްޕިއަންސް ލީގު ނުކުޅެވޭ ކުލަބަކަށް ރޮނާލްޑޯ ނުދާނެ ކަން ޔަގީންވާ ކަމަށެވެ.
ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ފަސް ފަހަރު އެ މުބާރާތް އޭނާ ވަނީ ކާމިޔާބު ކޮށްފައިވެއެވެ. މެސީވެސް ވަނީ މި މުބާރާތް ބާސެލޯނާއާއި އެކު ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ. މި މުބާރާތުގައި ޖުމްލަ 141 ގޯލު ރޮނާލްޑޯ ކާމިޔާބު ކޮށްފައިވާއިރު، މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ރޮނާލްޑޯއެވެ. މެސީއަށް މި މުބާރާތުގައި ކާމިޔާބު ކުރެވިފައިވަނީ ޖުމުލަ 125 ގޯލެވެ. މިއީ ރޮނާލްޑޯއަށް ވުރެ 16 ގޯލު މަދު އަދަދެކެވެ.
ނިމިގެން ދިޔަ ސީޒަނަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތް މެޗުގައި ރޮނާލްޑޯ ހަ ގޯލު ޖެހިިއިރު، މެސީ އަށް ހަމަ މި އަދަދަށް މެޗު ކުޅެގެން ޖެހިފައިވަނީ ފަސް ގޯލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް