ހެއްކާ ބެހޭ ބިލް މަޖިލިހުން ފާސްކޮށްފައިވަނީ ނޫސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ގޮތަށް ހެއްކާ ބެހޭ ބިލު ފާސް ކުރުމަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދޭ ބާރު ހަނިވެގެން ގޮސްފައިވާ ކަމަށެވެ.
ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލު ތަސްދީގު ނުކުރުމަށް އެދި މީޑިއާ ކައުންސިލުން ގޮވާލާފައި ވަނިކޮށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހެއްކާ ބެހޭ ބިލު އުވާލަން ސަރުކާރަށް ގޮވާލާފައެވެ.
ހެއްކާ ބެހޭ ބިލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ އަމަލުތައް ހާމަ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅައި އެކަން ހުއްޓުވުމަށް ބާރު އަޅާފައިވާ ބިލެއް ކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި އެ ބިލު މިހާރުން މިހާރަށް އުވާލައި، ގައުމުގެ ޑިމޮކްރަޓިކް ހަމަތައް އިއާދަކުރުމަށް ގިނަ ޕާޓީތައް ބައިވެރިވާ މަޝްވަރާއަކަށް ދިއުމަށް ވެސް އިދިކޮޅުން ވަނީ އެ ބަޔާނުގައި ގޮވާލާފައެވެ.
ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ހެއްކާ ބެހޭ ބިލުގެ 136 މެދުގައެވެ. އެ މާއްދާގައިވާ ގޮތުން، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރު ޖެނެރަލް، ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރު ކުރެވޭނެއެވެ.
މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީގުނުކުރައްވައި، އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު ރައީސަށް އޮވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް