ޚިދުމަތް ހޯދަން އަންނަ ފަރާތާއި ޚިދުމަތް ދޭފަރާތާ އެއް ލެވެލްއެއްގައި ތިބުމަކީ މުހިންމު ކަމެއް: ޝަރީފް

ޚިދުމަތް ހޯދަން އަންނަ ފަރާތާއި ޚިދުމަތް ދޭފަރާތާ އެއް ލެވެލްއެއްގައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ...

03 Jul 2022 | 10:15

ޚިދުމަތް ހޯދަން އަންނަ ފަރާތާއި ޚިދުމަތް ދޭފަރާތާ އެއް ލެވެލްއެއްގައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބާއްވާ ކަސްޓަމަރ ސަރވިސް އެކްސެލެންސް ޓްރެއިނިންގ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ޚިދުމަތް ދެމުން ދޭތާ އެތައް އަހަރެއް ވެފައިވާއިރު، ޚިދުމަތުގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށެވެ. އަދި ޚިދުމަތް ދިނުމުގެ ވައްޓަފާޅި ވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"މިހާރު ރިސްޕްޝަނަށް ހިދުމަތް ހޯދަން އަން މީހާ ހުންނަނީ ކޮޅަށް. ހިދުމަތް ދޭ ފަރާތް އިންނަނީ ގޮނޑީގަ. މި ސަގާފަތް ބަދަލުކުރަންޖެހޭ. ހިދުމަތް ހޯދަން އަންނަ ފަރާތާއި ހިދުމަތް ދޭފަރާތާ އެއް ލެވެލްއެއްގައި ތިބުން ވަރަށް މުހިންމު." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވަނީ ކަސްޓަމަރުންނާ ދޭތެރޭ އެޓިޓިއުޑް ބަދަލުކޮށް، ކަސްޓަމަރުންނަށް އިހުތިރާމް ކުރަން ޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.

މި ހަފްލާގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ ހުސައިން ފަރުހާދު ވިދާޅުވީ މި ޓްރޭނިންގ ސީރީޒަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށާއި މިޕްރޮގުރާމުގެ ތެރެއިން ސްޓެލްކޯއިން ކަސްޓަމަރުންނާ ބައްދަލުކުރާ މުވައްޒަފުންގެ ތެރެއިން 239 މުވައްޒަފަކު މި ޓްރޭނިންގ ލިބިގެންދާނެ ކަމަށެވެ.

ސްޓެލްކޯއަކީ ކަސްޓަމަރުންގެ ޚިދުމަތުގައި ކުރިއަރައިގެންދާނެ އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ޚިދުމަތެއް ލިބޭ ކުންފުންޏަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ވެސް ފަރުހާދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް