ރަށްވެހި ޗެލެންޖްގައި މިފަހަރު 11 ޓީމަކުން ވާދަކުރާނެ!

ފ. ނިލަންދޫ ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަށްވެހި ޗެލެންޖް އަޟްޙާކަޕް 1443 ގައި ޖުމުލަ...

03 Jul 2022 | 08:38

ފ. ނިލަންދޫ ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަށްވެހި ޗެލެންޖް އަޟްޙާކަޕް 1443 ގައި ޖުމުލަ 11 ޓިމަކުން ވަނީ ބައިވެރިވެފައެވެ.

އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލި މިމުބާރާތުގައި އެއަތޮޅު ފީއަލީ ނޫން އެހެން ހުރިހާ ރަށަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ. އެގޮތުން ބިލެތްދޫއާއި މަގޫދޫ ޓީމެއްގެ އިތުރުން ދަރަނބޫދޫ ދެ ޓީމާއި އެކު ނިލަންދޫން 7 ޓީމެއް ވާދަކުރާނެއެވެ.

ރަށްވެހި ގްރޫޕާއި ޝަބާބު ގުޅިގެން ރަށްވެހި ޗެލެންޖްގެ ނަމުގައި ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނައިރު، މިފަހަރުގެ މުބާރާތަކީ ވެސް ބައެއް ޓީމުތަކުގައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ހިމަނައިގެން ކުރިއަށްދާ މުބާރާތެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ނިލަންދޫގެ އިތުރުން އެ އަތޮޅުގެ ރަށްރަށުގައި ފުޓްސަލްގެ ފޯރި ދިރުވާ އާލާކޮށް ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 8 ވަނަ ދުވަހުގެ ރޭގަނޑުއެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 15 ވާ ހުކުރު ދުވަހު ހަވީރުއެވެ.

ނިލަންދޫ ކައުންސިލުން އިސްނަގައިގެން މިއަހަރުގެ އަޟްޙާ ޢީދު ކުލަ ގަދަ ގޮތެއްގައި ނިލަންދޫގައި ފާހަގަ ކުރުމަށް ނިންމާފައިވާތީ ޢީދުކުޅިވަރަށް ބުރޫނާރާ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ޤުރުއަތުލުން އޮންނާނީ ހޯމަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް