ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބުު، މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ނިންމާ އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ސްކޮޓްލެންޑުގެ މަޝްޙޫރު ކުޅިވަރު ނޫސްވެރިޔާ ޑަންކަން ކާސްޓަލްސް އާއި ހަވާލާދީ އިނގިރޭސި ނޫހެއް ކަމުގައިވާ "ދި ޓައިމްސް" އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިހާރު އުމުރުން 37 އަހަރުވެ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވާ ކަމަށާއި ރޮނާލްޑޯ ޔުނައިޠެޑް ދޫކޮށްލަން ނިންމީ
އަންނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާތީ ކަމަށެވެ.
ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑުން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އެކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައި ނުވާއިރު، އެޓީމު ލީގު ނިންމާލީ ހަވަނާގައި އޮވެއެވެ. އެހެން ކަމުން ޔުނައިޓެޑު ކުޅެން ޖެހުނީ ޔޫއެފާ ޔޫރޮޕާ ލީގުހައެވެ.
ރިޕޯޓުގައި ބުނާގޮތުން ޔޫއެފާ ޔޫރޮޕާ ލީގު ކުޅެން ރޮނާލްޑޯ ބޭނުމެއް ނުވެއެވެ. އެހެން ކަމުން ރޮނަލްޑޯ އޭނާގެ އެޖެންޓް ޖޯޖް މެންޑޭސް އާއި އެކު ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ރޮނާލްޑޯ ކުލަބު ދޫކޮށްލަން މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލާނީ އޭނާއަށް ރަނގަޅު ކުލަބަކުން މިހާރަށް ވުރެ ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމައެވެ.
ނިމިގެން ދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރު ވަންދެން އޭނާއަށް އެންމެ މަތީ ލެވަލްގެ މުބާރާތްތަކުގައި ކުޅެވޭނެ އެވެ.
އިނގެރޭސި ރިޕޯޓްތައް ބުނާ ގޮތުން، ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޭސް ވަނީ ނިމިގެން ދިޔަ ހަފުތާގައި ޗެލްސީގެ ކޯ އޯނަރު އަދި މިހާރު ޗެއާމަން ޓޮޑް ބޯލީއާއި އެކު ރޮނާލްޑޯގެ ޓްރާންސްފާ އާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި މީގެ އިތުރުން ޖަރުމަނުގެ ބަޔާން މިޔުނިކާއި އިޓަލީގެ ޔުވެންޓަސްއާއި އެކުވެސް މެންޑޭސް މައްވަރާ ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ، ގިނަ އަހަރުތަކަކަށް ފަހު އަލުން އެނބުރި ޔުނައިޓެޑާއި ގުޅުނީ ނިމިގެން ދިޔަ ސީޒަނުގައެވެ. ދެ އަހަރަުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑާއި ގުޅުނު ރޮނާލްޑޯ އެ ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ.
މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑަށް ކުޅުނު 38 މެޗުގައި 24 ގޯލު ޖަަހައި ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް