މާދަމާއިން ފެށިގެން ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ

މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ. ބީއެމްއެލް އިން ބުނީ ބޭންކު ހުޅުވި ނަމަވެސް ހިދުމަތ...

03 Jul 2021 | 16:36

މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކު ހުޅުވި ނަމަވެސް ހިދުމަތް ދޭނީ ޓޯކެން އަދި އެޕޮއިންޓްމެންޓު އުސޫލުންނެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް "ކިޔުބީ" އެޕްލިކޭޝަން މެދުވެރިކޮށް ޓޯކެން ދޫކުރާނެ އެވެ.

އެޕޮއިންޓްމަންޓަށް ހިދުމަތް ދޭނީ ބީއެމްއެލްގެ އެކައުންޓް އޯޕެނިން ސެންޓަރުންނާއި ލޯން ސެންޓަރުންނާއި ބިޒްނަސް ސެންޓަރުންނެވެ. މި ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.

ބްރާންޗުތައް ހުޅުވި ނަމަވެސް ދެމުން ގެންދާނީ އޮންލައިންކޮށް އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކެވެ.

ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ހެނދުނު 11:00ގެ ކުރިން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރަން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކާއި ލޯކަލް ބޭންކް ޓްރާންސްފާ އަދި މުސާރަ ޖަމާކޮށްދޭން ފޮނުވާ ރިކުއެސްޓްތަކުގެ ތެރެއިން މެންދުރު 12:00ގެ ކުރިން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ ކޯވިޑް-19ގެ މި ހާލަތުގައި ހުރިހާ ކަސްޓަމަރުން ވެސް ގޭގައި ތިބެގެން އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް