މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "މައި ބަނދަރު" ޕޯޓަލް މައި ބަނދަރު ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފިއެވެ.
މިއީ އެމްޕީއެލްގެ ޙިދުމަތް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް، އެމްޕީއެލްގެ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ގޮތުން، މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލްއިން އަދި ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި، މޯބައިލް ޕޭގެ ހިދުމަތް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއި އެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިންގ އޭޖެންޓުންނަށްވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ.
އަޕްގްރޭޑް ކުރުމުން ހިދުމަތަށް އައި ބަދަލުތައް:
- ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ.
- މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ.
- ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) ހުށަހެޅޭނެ.
- ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލާލެވޭނެ.
އެމްޕީއެލްގެ އިލްތިމާސަކީ، ކޯވިޑް-19ގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމެވެ.
މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުމެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް ކުރިޔަށް އޮތް ދުވަސްތަކުގައި ެއެ ކުންފުނިން އިއުލާންކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް