ބޮލީވުޑްގެ މަޝްހޫރު ބަތަލް އާމިރު ހާނާ އާއި ކިރަން ރާއޯގެ ކައިވެނި 15 އަހަރު ފަހުން ނިމުމަކަށް ގެނެސްފިކަން އިއުލާނުކޮށްފި އެވެ.
ދެމީހުން ވަރިވިކަން ހާމަ ކުރީ ދެމީހުން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި އެވެ. ބަޔާނުގައި ބުނެފައިވަނީ ވަރިވިޔަސް ދެމީހުންގެ ދަރިފުޅު އަޒާދް ރާއޯ ހާން ބެލުމުގެ ހުރިހާ ކަމެއް ކުރާނީ ދެމީހުން ގުޅިގެން އެކުގައި ކަމަށެވެ.
އެ ބަޔާނުގައި ވާގޮތުން ދެމީހުން ވަރިވިޔަސް ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ކުރަން ރާވާފައި ހުރީ އެކުގައި އެވެ. އެހެން ކަމުން އާމިރާއި ކިރަން ވަރިވީ ނަމެއްގައި ކަމަށް ދަނީ ބުނަމުންނެވެ.
ކިރަން ވަކިން ދިރިއުޅޭތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށާއި ދެމީހުން ވަރިވާން ވާހަކަ ދެކެވެމުންދާތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށް ބުންނެވެ. އެއީ ދެމީހުންގެ ދިރިއުޅުމަށް ހަމަޖެހުން ގެނެސް އާ ހަރުފަތަކަށް ދިއުމަށް ކަމަށާއި ދެމީހުންގެ ދޭތެރޭ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް ބުންޏެވެ.
ދެމީހުންގެ ބަޔާނުގައި ބުނީ ބޮލީވުޑްގެ މަސައްކަތް ކުރަން ދެމީހުން އުފައްދާފައިވާ ޕާނީ ފައުންޑޭޝަންގެ މަސައްކަތް ކުރާނީ އެކުގައި ކަމަށެވެ. އަދި އެހެން ޕްރޮޖެކްޓެއްގައިވެސް ދެމީހުން އެއްކޮށް މަސައްކަތް ކުރަން ޖެހިއްޖެ ނަމަވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
އިތުރަށް ބުނީ އާމިރާއި ކިރަންގެ ކައިވެނި ނިމުމަކަށް ގެނެސް ވަރިވުމަކީ ދެމީހުންގެ ގުޅުން ނިމުމަކަށް އަންނާނެ ސަބަބެއް ނޫންކަން އެންމެންނަށް ހާމަވާނެ ކަމަށެވެ.
އާމިރާއި ކިރަން ބައްދަލުވެ ގުޅުން އުފެދިފައިވަނީ މީގެ 15 އަހަރު ކުރިން ރިލީޒް ކުރި އާމިރު ލީޑް ރޯލުން ފެނިގެންދިޔަ ކާމިޔާބު ފިލްމު "ލަގާން" އިންނެވެ. އެ ފިލްމުގައި ކިރަން އަކީ އެސިސްޓެންޑް ޑައިރެކްޓަރެވެ.
އެ ދެމީހުން ކައިވެނި ކުރީ 2005 ވަނަ އަހަރުގެ ޑިސެމްބަރު25 ގައި އެވެ.
މިއީ އާމިރު ހާންގެ ދެ ވަނަ ކައިވެންޏެވެ. އާމިރުގެ ފުރަތަމަ ކައިިވެނި ރީނާ ދުއްތާ އާއި ކޮށްފައިވާއިރު އެ ކައިވެންޏަށް ދިފިރެން ކުއްޖަކާއި އަންހެން ކުއްޖަކު ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް