ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބަލިކޮށް، ކްލަބު ވެލެންސިއާ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މައިލޯ ޓާފް ދަނޑުގައި އިއްޔެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ސޮކާ ވެޓެރަންސް އަތުން ވެލެންސިއާ މޮޅުވީ 4-2 ލަނޑުންނެވެ.
މިމެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން މައުސޫމް އަބްދުލް ގަފޫރު (މާސޭ) އާއި މުހުތާރް ނަސީރު (ޓޫކިލޯ) ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރި އެވެ. ސޮކާ ވެޓްރަންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އާއި މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ.
މިމުބާރާތުގައި ވާދަކުރަނީ ކްލަބު ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، ބީޖީ ސްޕޯޓްސް ކްލަބު، މާލޭ ވެޓެރަންސް އަދި އެންމެ ފަހުގެ ޗެމްޕިއަން ސޮކަ ވެޓެރަންސް އެވެ.
ކޮންމެ ރޯދަމަހަކު ބާއްވާ މި މުބާރާތަކީ ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް