އިންޑިއާގެ ބިހާރު ސްޓޭޓްގައި މަސައްކަތްކުރާ ޕްރައިމަރީ ޓީޗަރުންގެ ތެރެއިން ގިނަ ޓީޗަރުން ގެންގުޅެނީ ފޭކް ޑިގްރީ ސެޓްފިކެޓްކަން ފެންމަތިވެ އެ މައްސަލަ ތަހުގީގުކުރަން ފެށުމާއެކު 1400 އަށްވުރެ ގިނަ ޓީޗަރުން އިސްތިއުފާ ދީފި އެވެ.
އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވަނީ ބިހާރުގެ ހައިކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ. އެ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ ސްޓޭޓްގެ 3 ލައްކަ 50 ހާސް ޕްރައިމަރީ ޓީޗަރުންގެ ތެރެއިން 25 ހާސް ޓީޗަރުންނަކީ އެކަށީގެންވާ ޓީޗަރުން ނޫން ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
ސްޓޭޓްގެ އެޑިއުކޭޝަން ޑިޕާޓްމެންޓްގެ ސެކްރެޓަރީ އާރުކޭ މަހާޖަން ބުނެފައިވަނީ އެމްނެސްޓީ މުއްދަތުގެ ގޮތުގައި އަމިއްލައަށް އިސްތިއުފާ ދިނުމަށް މުއްދަތެއް ދީފައިވާކަމަށާއި އަދި މި މުއްދަތުގެ ތެރޭގައި އިސްތިއުފާ ނުދޭ، ފޭކް ސެޓްފިކެޓް ގެންގުޅޭ މީހުން ހޯދައި ގާނޫނީ އަދަބު ދޭނެ ކަމަށެވެ.
މިހާތަނަށް 1400 ޓީޗަރަކު އިސްތިއުފާ ދީފައިވާއިރު އެމްނެސްޓީ މުއްދަތުގެ ތެރޭގައި އިތުރު ޓީޗަރުން އިސްތިއުފާދޭނެކަމުގައި ބެލެވޭކަމަށްވެސް މަހާޖަން ބުނެ އެވެ. އެމްނެސްޓީ މުއްދަތު ހަމަވާނީ މިމަހުގެ ނުވަ ވަނަ ދުވަހަށެވެ.
އިންޑިއާގައި ފޭކް ސެޓްފިކެޓް ހެދުމާއި މަކަރާ ހީލަތުން ވަޒީފާ ހޯދުމަކީ ބޮޑު މައްސަލައެކެވެ. އަދި އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގައި ކޮރަޕްޓްވެފައިވާ އިސްވެރިން އިންޑިއާގެ ސަރުކާރުގެ މަތީފަޑީގައި ގިނަ އަދަދަކަށް ތިބޭކަމަށްވެސް މުރާސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް