އަހަރެންނަށް ދެލޯ މަރާލެވުނެވެ. ހިންދިރުވާ ލެވުނެވެ. އަހަރެންގެ ހަޔާތުގައި އަބަދުގެ އަބަދަށް ނިމުމުގެ ސިއްކަޖެހެނީކަމުގައި ޔަޤީން ވުމުންނެވެ. ދިރިހުރުމާއި މެދު ކުރެވޭނެ އުންމީދެއް ދެން ނެތުމުންނެވެ. ނުކުރެވި ހާދަ ގިނަ ކަންކަން އެބަހުއްޓޭ ހިތަށް އަރައި ފައިބަމުން ދިޔައެވެ. އަހަރެންނަކަށް ދީނީ ކަންކަމުގައި މާބޮޑު ފަރުވާލެއް ނުބެހެއްޓެއެވެ. މައިންބަފައިން ހައްޖަށް ފޮނުވައި ދިނުމަކީ އުންމީދެއް ނަމަވެސް އެކަމަކަށްވެސް މަގެއް ނުހޯދުނެވެ. ކުޑަ ދެދަރީންނަށް މުސްތަޤުބަލެއް ހޯދައިދޭން އަތުގައި ލޯލާރިއެއްވެސް ޖަމާވެފައެއް ނެތެވެ. ކޮންމެ މަހެއްގެ މުސާރަ ހުސްވެދަނީ ކުއްޔާއި ބިލްތަކާއި ދިރިއުޅުމުގެ އެހެން ޚަރަދު ތަކަށެވެ.
ކަލޭ އަހަރެމެން ބުނާގޮތް ހަދާނަން ހެއްޔޭ އަނެއްކާވެސް އޭނާ ބުނުމާއި އެކު އަހަރެންނަށް ޚިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނެވެ. ފުރަގަހަށް ހައްޔަރުކޮށް ހިފަހައްޓާފައި އަތާއި، ކަރުގެ ވައިނޮޅީގައި ޖެހިފައިވާ މިޔަތޫނު ވަޅިން އަހަރެން މިހުރީ، ހަޔާތުގެ އެންމެ ފަހު ސުކުންތު ކޮޅުގައިކަން ދެކޭ ކޮންމެ މީހަކަށް އެނގޭނެއެވެ. އެކަމަކު ކަލާނގެ ފިޔަފައި އެކަން ދެކޭނެ ފަރާތެއް ނެތެވެ.
އެމީހުން ބޭނުންވަނީ، ކޯޓުގައި އަހަރެން ދޮގު ހެކިދޭށެވެ. އެމީހުންގެ ގޭންގުން ހުޅުމާލޭ ވަލުތެރޭގައި ހިންގި މާރާމާރީގައި 18 އަހަރުގެ ޝިޔާން ކިޔާކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދިން މަންޒަރު ފެނުނީ އަހަރެންނަށެވެ. އެމަންޒަރުތައް ރެކޯޑްކުރެވުނީ އަހަރެންގެ ކެމެރާއަށެވެ. އެއީ އިއްތިފާޤަކުން ވީކަމެއް ނޫނެވެ. ގަސްދުގައި އަހަރެން ކުރިކަމެކެވެ. އަހަރެންނަށް އެގަސްތަކުގެ ތެރޭގައި އެމީހުން ތަޅާފޮޅާތަން ފެނުމުން ފޯނުން ވީޑިއޯކުރީ ފަހަރެއްގައިވެސް އެއީ އަހަރެން މަރުގެ ތުންފަތްމައްޗަށް ވެއްޓިދާނެ ކަމެއް ކަމުގައި ހީކޮށްގެނެއް ނޫނެވެ. އަދި އެތަޅާފޮޅުމުގެ ތެރޭގައި އެމީހުން އެކުއްޖާ ގަސްދުގައި މަރާލާފާނެ ކަމަށްވެސް ހީކުރެވިގެނެއް ނޫނެވެ.
އެކަމަކު ތަޅާފޮޅުންގަނޑުގެ ތެރޭން އެމީހުން އެކުއްޖާގެ މެއަށާއި ހަށިގަނޑުގެ އެތަންމިތަނަށް ތޫނުއެއްޗަކުން ހަމަލާދޭ މަންޒަރު ފެނުމުން ކަމުގެ ނުރައްކާތެރިކަން އަހަރެންނަށް ވިސްނުނު އިރު، އެގުރޫޕަށް އަހަރެންވެސް ފެނިއްޖެއެވެ. އެމީހުން އަހަރެން ފަހާ ދުއްވައި ގަތުމުން، އަހަރެންނަށް ތެޅި މަރުވަމުން ދުވަމުން އައިސް ވަދެވުނީ އަހަރެން ދިރިއުޅޭ ފްލެޓަކަށްވެސް ނޫނެވެ. އެހެން ފްލެޓަކަށެވެ. އެކަމަކު އަހަރެންނަށް ވަދެވުނު ފްލެޓަށް އެމީހުން ތަފާތު އެކި ދުވަސްމަތިން ވަދެ އަހަރެން ހޯދަން މަސައްކަތް ކުރަމުން އައިކަން އަހަރެންނަށް އެނގުނީ ސޯޝަލްމީޑިއާއިން ރައްޓެހިންގެ ފަރާތުންނެވެ.
ހުޅުމާލެއަކީވެސް ބޮޑުތަނެއް ނޫނެވެ. މީހަކަށް ފިލައިގެން އުޅެވޭ ވަރަށް ވުރެ މިއީވެސް ކުޑަ ތަނެކެވެ. އެކަކު އަނެކަކަށް އެއީ ކާކުކަން އެނގެއެވެ. ފޮރުވިގެން އުޅެވޭހާ ބައިބޯ ނޫންވީމައެވެ. ކުއްވެރީންނަށް ހެކިވެރީންގެ މައްޗަށް ނުފޫޒް ފޯރުވެނީ އެހެން ވެއެވެ. އެފުރުޞަތު އެމީހުންނަށް ލިބެނީ ކަމާބެހޭ މުއައްސަސާތަކުންވެސް އެމީހުންނަށް އެފުރުޞަތު ދޭތީއެވެ. ހެކިވެރިން ހޯދައި އެމީހުންނަށް ނުފޫޒު ފޯރުވޭނެ ކަން އެނގި ހުރެވެސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާތީއެވެ. ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައި ރިޝްވަތާއި ނާޖާއިޒް ފައިދާ ހޯދުމުގައި ޒިންމާދާރު މަޤާމުތަކުގައި ތިބި މީހުން ގެނބި ގެއްލިފައި ވާތީއެވެ.
އަހަރެން އަނގައިން ނުބުނުމުން އޭނާ، އަހަރެންގެ ކަރުން ވަޅި ނައްޓާލި ވަރަށްވުރެ އަވަހަށް އެވަޅީގެ މުއްގަނޑުން ޖެހީ އަހަރެންގެ ބޮލުގައެވެ. އަދި އަނެއްކާވެސް އަވަގުރާނަ ގޮވައިގެންފައި އަހަރެންނާއި ދިމާއަށް ކަލޭ ކޯޓުގައި ހެކިބަސް ދޭނަން ހެއްޔޭ އެހިއެވެ. އަހަރެން މަޑުމަޑުން ބޯހޫރާލީމެވެ. އަދި ދެލޯ މަރާލީމެވެ. ވީތަދުންނެވެ. އަހަރެން އުންމީދު ކުރަނީ ކަލާނގެ އަހަރެންގެ އުޒުރު ޤަބޫލު ކުރައްވާނެ ކަމަށެވެ. ދޮގު ހެކިބަސް ދިނުގެ ފާފަ ފުއްސަވާނެ ކަމަށެވެ. ނުވަތަ އެއަށްވުރެ ރަނގަޅު ގޮތެއް އަހަރެންނަށް މިންވަރު ކުރައްވާނެ ކަމަށެވެ.
ކުއްލިއަކަށް ފުރަގަހަށް އަހަރެންގެ ދެއަތް ހިފަހައްޓައިގެން ހުރި މީހާ އަހަރެންގެ އަތް ދޫކޮށްލައިފިއެވެ. އަދި ކަރުގައި ވަޅި ޖައްސައިގެން ހުރިމީހާވެސް އަހަރެންގެ ކޮނޑަށް އަތްލައި ހިނގައިގެންފިއެވެ. ވީގޮތެއް ނޭނގި ހައިރާންވެގެން އަހަރެން އެމީހުންނަށް ބަލާލުމަށް މޫނު އަނބުރާލަން އުޅުމުން އަހަރެންގެ ކޮނޑަށް އަތްލައިގެން ހުރިމީހާ އެންގީ ކުރިމައްޗަށް ބަލައިގެން ހިނގުމަށެވެ. އޭރު އެމީހުންގެ މޫނު ފޮރުވައިގެން ތިބި މާސްކުތައް ނައްޓާލައި އަތަށްވެސް ލައިފިއެވެ.
މަގުމަތި ޕެޓްރޯލް ކުރުމުގައި އުޅޭ ފުލުހުންގެ ދެމީހުން ސައިކަލްގައި އަހަރެމެން ތިބި ދިމާއަށް އަންނާތީ ފެނުމުން ވީގޮތް އަހަރެންނަށް އެނގިއްޖެއެވެ. އެމީހުން ފުލުހުން އަންނާތީ، މަންޒަރު ބަދަލުކޮށްލީއެވެ. އޮޅުވާލީއެވެ. އަހަރެންނަކީ އެމީހުންގެ ރައްޓެއްސެއް ކަމުގައި ދެއްކީ އެވެ.
ފުލުހުންގެ ދެމީހުން ސައިކަލުގައި އަހަރެމެން ފަސްދީ ދިޔައިރު އެމީހުންނަށް އާދަޔާ ޚިލާފް ކަމެއް ފާހަގައެއް ނުކުރެވުނެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ފުލުހުންގެ ފެންވަރަކީ އެއީ ހެއްޔެވެ. އަހަރެން މިހިރީ އަނިޔާވެރި ބައެއްގެ މުށުތެރޭގައި ހައްޔަރުވެފައެވެ. މަރުގެ ތުންފަތް މަތީގައެވެ. އެކަމަކު އަހަރެން ގެ މޫނުގައި ހުރި ކޮންމެ އިސްތައްޓެއް ވަކިވަކިން އެނގޭހާ ގާތުން ދިޔައިރު، ފުލުހުންނަށް މަންޒަރު ސާފެއް ނުވިއެވެ. ކުރިމަތިން މިފެންނަނީ ކުށުގެ ވެއްޓެއްކަން ދެނެއެއް ނުގަނެވުނެވެ. އަހަރެންނަށް ބަލާލެވުނީ އުޑާއި ދިމާއަށެވެ. ޝަކުވާގެ ނަޒަރަކުންނެވެ.
އެދެފުލުހުން އަހަރެމެން ފަސްދީ ދިޔުމާއި އެކު އަހަރެން ދޫކޮށްލާފައި އެދެމީހުން ވަލުތެރެއަށް ވަދެގެން ގޮސް ގެއްލިއްޖެއެވެ. ކައިރީގައި ހުރި ރުކުގެ ބުޑުގައި އަހަރެން އިށީނީމެވެ. ހަދާނެ ގޮތެއް ނުވިސްނޭތީއެވެ. ކުރާނެ ކަމެއް ނޭނގޭތީއެވެ. އަހަރެންނަށް އެނގެއެވެ. އެމީހުންނަކީ ކޮންމެ ކަމެއްވެސް ކޮށްފާނެ ބައެކެވެ. މިވަގުތު އެމީހުން އަހަރެން ދޫކޮށްލީ އަހަރެންނަށް ގެއްލުމެއްދީގެން އެމީހުންނަށްވެސް ލިބޭނީ އިތުރު ގެއްލުމަކަށްވާތީ އެވެ. މުޅި މައްސަލައިގެ ހެކި ހުރީ އަހަރެންގެ އަތުގައެވެ. މައްސަލަ އެނބުރިގެންދާނީ އަހަރެންދޭ ހެކިބަހުގެ މައްޗަށެވެ.
ތެދުވެގެން ގެއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ހަދާނެގޮތް ހުސްވެ ކަންބޮޑުވެފައިވާ ހާލުގައެވެ. އަހަރެންގެ ދަރީންނާއި، އާއިލާ ސަލާމަތް ކުރުމަށް ކޯޓުގައި ދޮގުހެކި ދިނުން ނޫންގޮތެއް އަހަރެންނަށް ނެތީއެވެ. ވީމާ، އަހަރެންނަށް ފެނުނުތަން ނުފެންނަ ކަމަށް ހަދާނީއެވެ. އަހަރެންގެ މަޖުބޫރު ހާލު ކަލާނގެ ދެނެވޮޑިގެންވާނެތެވެ. ހަމަ ޔަޤީނުންވެސް އިޚުތިޔާރެއް ނެތި ވެވޭ ފާފައަކަށް މެނުވީ އެކަން ނުވާނެ ކަމުގައި އަހަރެންގެ ހިތް އަހަރެންނަށް ބުނެދެނީއެވެ. އެކަމަކު ވެސް ހިތާ ނަފުސް ދެކޮޅު ހަދަނީއެވެ. އެންމެ ކުޑައިރުއްސުރެ މައިންބަފައިން އަހަރެން ތަރުބިއްޔަތު ކުރީ ތެދުވެރި ދަރިއެއްގެ ގޮތުގައެވެ. ބޮޑުވެ ތަސއްރަފް ފުދި އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ވީނަމަވެސް އެމީހުން ފާހަގަ ޖަހައި ދެއްކި އިންތަކުން އަހަރެން ބޭރެއް ނުވަމެވެ.
އަހަރެން ދޮގުހެކި ދީފިނަމަ އޭރުން ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެއީ އެއަނިޔާވެރީންނަށް އެމީހުންގެ ޖައްބާރު ކަމާއި އަނިޔާވެރި ކަމުގައި އުޅުމަށް ދެވޭ ފުރުޞަތެކެވެ. މިހާރުވެސް މިޤައުމުގެ ހުރިހާ ދިމާއެއްގައި އެމީހުންގެ ބާރު ވަނި ވަކިހިއްޕާފައެވެ. ޤާނޫނުތަކަކީ އެންމެންނަށް ހަމަހަމަ އެއްޗަކަށް ވަނީ ނަމެއްގައެވެ. އެކަމަކު އެމީހުން އެއުޅެނީ ޤާނޫނު ތަކަށްވުރެ މާމަތީގައެވެ.
މަގުގެ އެއްފަރާތުން މީހުންދިރިއުޅޭ ފްލެޓްތަކާއި ދިމާއަށް އަހަރެން ހިނގަމުން ދިޔައީ ވަރުބަލި ކަމާއި އެކުގައެވެ. މިއަދަށް އިރު ނުއޮއްސޭނެ ނަމައޭ، އަދި މާދަމާއަށް އިރު ނާރާނެ ނަމައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެހެނީ އަހަރެން އެދެނީ އަހަރެންނަށްޓަކައި ދުނިޔޭގެ ދައުރުވުން ހުއްޓޭށެވެ. މިމުސީބާތުން ސަލާމަތް ވެވޭނެ ގޮތެއް ނެތުމުންނެވެ.
ބާރު ދުވެލީގައި އައި ކާރެއް ދުވާރު މައްޗަށް އަރައިގެން ސީދާ އަހަރެންނާއި ދިމާއަށް އަންނަތަން ފެނުމުން އަހަރެން ހީކުރީ އެއީ އަހަރެންނަށް ދުވާލު މެންދުރު ފެންނަށް ހުވަފެނެއް ކަމުގައެވެ. ކާރުގައި ޖެހިފައި އަހަރެން ވިއްސައިގެން ގޮސް މަގުގެ މެދަށް ވެއްޓުނު އިރުވެސް މިފެންނަނީ ހަޤީޤަތެއް ކަމެއް ހުވަފެނެއް ކަމެއް އަހަރެންނަކަށް ޔަޤީނެއް ނުވެއެވެ.
ވީތަދެއް ބުނާކަށް ނޭނގެއެވެ. ހީވީ، މޭފިތުނީ ހެންނެވެ. ނޭވާ ހުއްޓުނީ ހެންނެވެ. މަގުމެދަށް ހަށިގަނޑުގެ އެކި ގުނަވަންތަ ވަކިވަކިވެ ރޫޅި ދިޔައީ ހެންނެވެ. އަހަރެންނަށް ދެލޯ ހުޅުވާލެވުނު އިރު ވަށައިގެން އޮތީ ހުސްލެއެވެ. އޭރު އެކާރު އަނބުރާލާފައި އައިސް އަހަރެންގެ ކައިރިއަށް މަޑުކޮށްލާފައި އެއިން ފޭބީ ބާރު ހުރި ސިޔާސީ މީހެއްގެ ދަރިއެކެވެ.
އަހަރެން ހީކުރީ އޭނާ އައީ މަގުމެދުގައި ޒަޚަމްވެ މަރަށް ފުރާނައަށް ދެމެމުން ދިޔަ އަހަރެން ސަލާމަތްކޮށްދޭން ކަމުގައެވެ. އެކަމަކު އޭނާ އަހަރެންގެ ގާތުގައި އުޑުފައިން އިށީނުމަށްފަހު، ބުނެލި ޖުމުލަ އަޑު އިވުމުން އޭނާ އަކީވެސް ޝިޔާންގެ މަރުގައި ޒިންމާވާ މީހެއްކަން އެނގުނެވެ.
ޝިޔާން މަރާލީ އޭނާ ބުނެގެން ކަމަށާއި، ކޯޓުގައި އެމީހުންނާއި ދެކޮޅަށް އަހަރެން ހެކިބަސް ދީފިނަމަ އޭނާގެ ވާހަކަ އެ ގޭންގުގެ މީހުން ބުނެފާނެތީ، އަހަރެންނަށް ކޯޓު ފެންނަ ހިސާބަށްވެސް ނުދެވޭނެ ގޮތް ހަދަން ބޭނުންވީ ކަމުގައި އޭނާ ބުންޏެވެ. އަދި އެއަށްފަހު ކާރުގައި ހުޅުލެއާއި ވީކޮޅަށް ބާރަށް ދުއްވާލައިފިއެވެ.
ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށްވުރެ ސިކުނޑީގައި އުފެދެމުންދިޔަ ސުވާލުތައް ގިނައެވެ. ހަމަގައިމުވެސް މިމަގުމަތީގައި އަހަރެން މަރުވުމަކީ، އެކްސިޑެންޓެއް ކަމުގައި ފެނުނަސް މިހަޤީޤަތް ހޯދޭނެތޯއެވެ. މަގުމަތީގައި ފުލުހުންގެ ކުރިމަތީގައި އަހަރެން ގޭންގެއްގެ އަތްދަށުވެފައި ހުރި އިރު އެކަން ދެނެ ނުގަނެވުނު ފުލުހުންނަށް ޝިޔާންގެ މަރާއި އަހަރެންގެ މަރާއި ހުރި ގުޅުން ހޯދަން އެނގޭނެތޯއެވެ. އަހަރެންނާއި ޝިޔާންއަށް އިންސާފް ލިބޭނެތޯއެވެ؟
---ނިމުނީ---
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް