އެމެރިކާ އިން ވަނީ ފާއިތުވި ހަފްތާތަކުގައި ސޫރިޔާގައި ތިބި އެގައުމުގެ 500 އެއްހައި ސިފައިން އަނބުރާ ގެންގޮސްފައެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައު ސަރަޙައްދީ ސްޓްރެޓެޖީއާ އެއްގޮތަށް އަދި އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ކުރި ކަމެކެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަނީ ބަންދުކޮށް ނުވަތަ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާ ހަވާލުކޮށްފައެވެ.
ސިފައިންގެ މި އަދަދު މަދުކުރުމަކީ ސޫރިޔާގައި ހުރި އެމެރިކާގެ ބާރުތައް ކޮމްބައިންޑް ޖޮއިންޓް ޓާސްކް ފޯސް - އޮޕަރޭޝަން އިންހެރެންޓް ރިޒޯލްވްގެ ދަށަށް ގެނައުމުގެ ފުޅާ މަޝްރޫޢުގެ ބައެކެވެ. މިގޮތުން ސޫރިޔާގައި ތިބޭ އެމެރިކާގެ ސިފައިންގެ އަދަދު 1،000 އަށްވުރެ މަދުކުރެވޭނެއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބާރުއަޅާފައިވަނީ މި އޮޕަރޭޝަން ކުރިއަށްދާއިރުވެސް، އައިސިސްގެ ބާކީ ބައިތައް ނައްތާލުމަށް އަމާޒުކުރެވިފައިވާ މަސައްކަތަށް އެމީހުން އަދިވެސް ކުރިއަށް ގެންދާނެކަމަށެވެ. އެސްޑީއެފް އަކީ މި ސަރަޙައްދުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި އެމެރިކާގެ މުހިންމު ބައިވެރިއެކެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ ސޫރިޔާގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގައި، އެ ޤައުމު އަލުން ބިނާކުރުމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމަށް މަގުފަހިކޮށްދީފައެވެ. އަދި މީގެ ކުރިން ސޫރިޔާގެ ވަގުތީ ރައީސް އަޙްމަދު އައް-ޝަރާޢަގެ ވެރިކަން ގަބޫލުކުރުމާމެދު ފަސްޖެހިފައި އޮތް ނަމަވެސް މިހާރު އެކަންވެސް ވަނީ ކޮށްފައެވެ.
ސޫރިޔާގެ އިތުރުން، އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އިރާގު (2،500)، ޖޯޑަން (3،500)، އަދި ތުރުކީ (2،000) ގައި ތިބެއެވެ. އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ސިފައިންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ބުނެވެއެވެ. ނަމަވެސް އަދި އެއްވެސް ފައިނަލް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް