އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް މެންބަރު މީކާއިލް ހުށަހެޅުއްވި އިޞްލާޙް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެހެން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހެޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގ...

03 Jun 2024 | 13:37

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެހެން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހެޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

އެއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މި އިޞްލާޙުގައި ބުނެފައިވަނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިސްރާއީލުން ފަލަޞްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލު ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވީނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި ޢަމަލުކުރާނެގޮތެއް ސާފުކޮށްދީފައިނުވާތީއާއި މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތީތީ، ސީދާ ޤާނޫނަށް ގެންނަ ބަދަލަކުން މި ފިޔަވަޅު އެޅުން އަވަސްކުރުން ކަމަށެވެ.

މީކާއީލް އިޞްލާޙް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައި “ރައްޖޭގެ އެތެރެވުމުގެ ހުއްދަނެތް މީހުން”ގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ. އަށްވަނަ މާއްދާގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ އެ މާއްދާގެ (ހ) ގައި ބުނަނީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެތެރޭގައި އިސްރާއީލުގެ ޕާސްޕޯޓުގެ އިތުރުން އެހެން ޤައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭ) ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް