ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގަ ފަސް މީހުންނަށް ދައުވާ ކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގަ ފަސް މީހަކަށް ދައުވާ އުފުލައިފި އެވެ. މާޗު މަހުގެ 20 ވަނަ ދުވަހު ރޭ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅީ ހުޅުމާލޭގައި އޮތް އިވެންޓަކަ...

03 Jun 2023 | 17:17

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގަ ފަސް މީހަކަށް ދައުވާ އުފުލައިފި އެވެ.

މާޗު މަހުގެ 20 ވަނަ ދުވަހު ރޭ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅީ ހުޅުމާލޭގައި އޮތް އިވެންޓަކަށް ވަޑައިގެންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގެންތަނުން ޕީޕީއެމް އޮފިސް ކައިރިންނެވެ. އެ ގަޑީގައި އެ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ދިޔައީ މުޒާހަރާ ކުރަމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މި މައްސަލައިގަ ދައުވާ އުފުލީ ހުޅުމާލެ. 11328 ގޯތި، މުޙައްމަދު ޢައްބާސްއާއި، ދަފްތަރު. ނަންބަރު ރސ 9151، އަޙްމަދު ރަޝީދުއާއި، ހުޅުމާލެ. ފްލެޓް 06-2-154، އަޙްމަދު ޢަޒީލްގެ އިތުރުން ގއ. ދެއްވަދޫ، އެސްޓަންވިލާ، އަޙްމަދު ސިނާންއާއި، ށ. ބިލެތްފަހި، ސޭޑީކޯނަރ، މަރްޔަމް މާޝާގެ މައްޗަށް ކަމަށެވެ.

އިތުރުމީގެ ތެރެއިން  އައްބާސް، ރަޝީދު އަދި އަޒީލްގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އެވެ. އެ ދައުވާ އުފުލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ސިނާންއާއި، މާޝާގެ މައްޗަށް އުފުލީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 615 މާއްދާގެ ދަށުން ޢާންމު މަސްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އެވެ. އެ ދައުވާތައް އުފުލީ މެއި16 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް