އިންޑިއާ އައުޓް ބެނާއާއެކު ޖަލްސާގެ ތެރެއަށް ބަޔަކު ފޮނުވީ ޖަލްސާގެ މިސްރާބު ބަދަލުކޮށްލަން ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
ޕީޕީއެމުން މިހެން ބުނެފައި ވަނީ ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން އިންތިޒާމުކޮށްގެން 2023 ޖޫން 2 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ކުރިއަށް ގެންދިޔަ "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ބިޔަ ބޮޑު ޖަލްސާގެ ތެރެއަށް އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަދެ، އިންޑިއާ އައުޓް ބެނަރ އެއް ދަމަން ކުރި މަސައްކަތް ކުއްވެރިކޮށް ޕީޕީއެމް ކޯލިޝަނުން ނެރުުނު ނޫސް ބަޔާނެއްގައެވެ.
އެގޮތުން ޕީޕީއެމުން ނެރުނު ނޫސް ބަޔާނުގައި ބުނީ އިންޑިއާ އައުޓް ބެނާރ އާއިއެކު ޖަލްސާގެ ތެރެއަށް ބަޔަކު ފޮނުވާ ޖަލްސާގެ މިސްރާބު ބައްދަލު ކޮށްލުމުގެ ފިނޑި އަދި ނާތަހުޒީބު ޢަމަލު ހިންގުމުގެ އަޑީގައި ތިބީ ސަރުކާރުގެ ވެރިން ކަމަށެވެ.
އަދި އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑުކޮށްގެން ފޮނުވި ބައެއް ކަމަށާއި ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުން ދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ.
މިގޮތުން އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްޙަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާ އިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށް ކަމަށް އެ ކޯލިޝަނުން ނެރުުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ އިތުރު ހަމަނުޖެހުމަކަށް ފުރުޞަތު ނުދީ އެބަޔަކު ޖަލްސާ އިން ވާނީ ނެރެފައި ކަމަށާއި މިފަދަ ފިނޑި ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.
މީގެ އިތުރުން ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުން ފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމުގައި ކުރާން ޖެހެނު ހުރިހާ މަސައްކަތްތެއް ކުރުމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިރުޝާދާއެކު ޕީޕީއެމް ޕީއެންސީ އޮންނާނެ ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް