އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ރައީސް ފައްޓަވައިދެއްްވީ އެ މަނިކުފާނު އައް...

03 Jun 2023 | 14:24

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ރައީސް ފައްޓަވައިދެއްްވީ އެ މަނިކުފާނު އައްޑޫއަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން މި މަސައްކަތް ރަސްމީކޮށް ރައީސް ފައްޓަވައި ދެއްވިއިރު، އަރިހުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝްރީ މުރަލީދަރަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި 90 ހެކްޓަރުގެ ބިން ހިއްކައި 4700 މީޓަރުގެ ބޮޑުހިލަ ޖެހުން ހިމެނެއެވެ. އަދި މަރަދޫ/ މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިން ހިއްކައި 3400 މީޓަރުގެ ބޮޑުހިލަ ޖެހުމާއެކު،

ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައި 4100 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

ހަމައެހެންމެ ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް 3.3 ހެކްޓަރުގެ ބިން ހިއްކައި 1575 މީޓަރުގެ ބޮޑުހިލަ ޖެހުން ހިމެނެއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ  މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާއެވެ. އަދި މި އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ.

މި މަޝްރޫއުގައި ބިން ހިއްކުމަށް ވެން އޫޑްއިން ބޭނުންކުރާނީ އެ ކުންފުނީގެ ޑްރެޖިން ފްލީޓުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖާ އެޗްއޭއެމް 318 އެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު އަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ޚަރަދު ކޮށްގެނެވެ.

މިއީ އައްޑޫ ސިޓީގައި މި ފަހުގެ ތާރީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫޢުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް