ޕާސްކަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ ގުރު ނަގައިފި

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ޕާސްކަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ ގުރު ނެގުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ. ހުކުރު ދުވަހުގެ ރޭ ފޮނަދޫ ޖެމް ކިޗެން ރެސްޓޯރަންޓުގަ...

03 Jun 2023 | 14:08

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ޕާސްކަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ ގުރު ނެގުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ފޮނަދޫ ޖެމް ކިޗެން ރެސްޓޯރަންޓުގައި ބޭއްވި ހަފްލާގައި މުބާރާތުގައި ބައިވެރިވާ 15 ޓީމުގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. ޓީމުތަކުގެ އޮފިޝަލުންގެ އިތުރުން ހަފްލާގެ ޙާއްޞަ މެހެމާނުންގެ ގޮތުގައި ލާމު ފޮނަދޫ ކައުސިލް ރައީސް އަދި ނައިބު ރައީސްގެ އިތުރުން ޝަބްނަމީ ހޯލްޑިންގ ބޯޑް މެމްބަރ ޢިލްމުއްނިސާ ވަނީ މި ހަފުލާގައި ބައިވެރިވެވަޑައިގެންފައެވެ.

ރޭ ބޭއްވި މި ހަފްލާގައި މުބަރާތުގައި ބައިވެރިވި 15 ޓީމު ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ.

މުބާރާތުގައި ބައިވެރިވި ޓީމްތައް ގުރޫޕްތަކަށް ބެހިފައިވާ ގޮތައް ބަލާއިރު،

ގުރޫޕު އޭ: މާހިންނަ ޑިޓްރޮއިޓްސް، ގޯޅިއަންސް، އަފޭން، މާހިންނަ ފަލްކޮންސް.

ގުރޫޕް ބީ: ނެވަގިވަޕް، އައުޓްރީފް އެސްސީ، ކިއުއެމް ސްޕޯޓްސް އެކަޑަމީ، ޔޫތް އެކަޑަމީ.

ގުރޫޕް ސީ: ގޯޅި އެސްސީ، ބިގް ޝޮޓްސް، ޔުނައިޓެޑް އައުޓްރީފް، ކަންމަތި އެސްސީ.

ގުރޫޕް ޑީ: ކަންމަތި އެފްސީ، ބީޖީ ސްޕޯޓްސް ކުލަބް، ބެސްޓް ބޯއީސް.

ރޭ ބޭއްވި ހަފްލާގައި މުބާރާތުގެ އޮފިޝަލުންނާއި ޓެކްނިކަލް ޓީމް އަދި މުބާރާތުގައި ރެފްރީކަން ކުރާ ރެފްރީންގެ ފޮޓޯއާއި ވަނަ ވަރުތައް ވަނީ ދައްކާލާފައެވެ.

މި މަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާހިންނަ ޑިޓްރޮއިޓްސް އާއި ގޯޅިއަންސްއެވެ. މިއީ ގުރޫޕު އޭގައި ހިމެނޭ ދެ ޓީމެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިމަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލްގެ މެޗުތައް ކުޅެން ހަމަ ޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަަހުގެ 20 ވަނަ ދުވަހުގެ ރޭ ގައެވެ.

ކޮންމެ އަހަރަކުވެސް ބޭއްވުމަށް ތާވަލް ކޮށްފައިވާ މި އަހަރުގެ މި މުބާރާތަކީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ ހަތަރުވަނަ ފުޓްސަލް މުބާރާތެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ފަހު ޖެހިގެން އައި 2021 ވަނަ އަހަރު މި މުބާރާތުގެ ތިންވަނަ އެޑިޝަނެށް ބޭއްވުމަށް ނިންމި ނަމަވެސް އޭރު ރާއްޖޭގައި ފެތުރެމުން އައި ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުބާރާތް ވަނީ 2022 ވަނަ އަހަރަށް ފަސްކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ތަރިން ފެނިގެންދާނެ މި މުބާރާތަކީ ފޮނަދޫގެ އިތުރުން މުޅި ލާމު އަތޮޅުގައިވެސް ބާއްވަމުން އަންނަ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންޝަރަކީ ޕާސްކަލްއެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްރަކީ ދުވަސް އޮންލައިންއެވެ.

އެހެން އަހަރުތަކުގައި ބޭއްވުނު މުބާރާތްތަކާއި ޚިލާފަށް މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ޓައިޓްލް ސްޕޮންޝަރ ޕާސްކަލްގެ ފަރާތުން ވަރަށް ޚާއްޞަ ގިފްޓް ޕެކެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް